ރޭގެ ވަގުތެއްގައި އައްޑޫ އިން މާލެ ފޮނުވި ބަލި މީހަކު ކޮވިޑް-19 އަށް ޕޮސިޓިވްވުމާ ގުޅިގެން މުޅި އައްޑޫ ސިޓީ 14 ދުވަހަށް ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ.
އެޗްޕީއޭ އިން އައްޑޫ ލޮކްޑައުންގެ ހާލަތަށް ގެނެސްފައިމިވަނީ، އައްޑޫގައި އުޅޭ މީހަކު ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެގޮތުން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އައްޑޫގެ ރަށްރަށަށް އަރައި ފޭބުން މަނާކުރުމާއި، އައްޑޫގެ މަގުމައްޗަށާއި އާއްމު ތަންތަނަށް ނިކުތުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
އައްޑޫ އިން މިއަދު ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެމީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ މާޗް 10 ވަނަ ދުވަހު އައްޑޫއަށް ރިސޯޓަކުން އައި މަރަދޫފޭދޫ މީހެކެވެ.
އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފެށިފައިވާއިރު، މިހާތަނަށް އެމީހައާ ޑައިރެކްޓް ކޮންޓެކްޓުވި 26 އަށް ވުރެ ގިނަ ފަރާތް ވަނީ ފާހަގަކުރެވިފައެވެ. އޭގެތެރޭގައި ހަތް ޑޮކްޓަރަކާއި 10 ނަރުހަކު ވެސް ހިމެނެއެވެ.