އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވް މީހާ އާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން 7 ޑޮކްޓަރުންނާއި 10 ނަރުހުން ކޮންޓެކްޓުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު ވިދާޅުވީ ކޮވިޑް -19 އަށް ޕޮޒިޓިވްވި ބަލި މީހަކީ ހިތުގެ ބަލީގެ ޕޭޝިއެެންޓެއް ކަމަށާއި ބަލި މީހާ ޑޮކްޓަރަށް ދައްކަން އައިސްފައިވަނީ އިއްޔެ ހެނދުނު ކަމަށެވެ. އެގޮތުން އެކި ފަހަރުމަތިން ޑޮކްޓަރުންނާއި ނަރުހުން އެމީހާ އާއި ކޮންޓެކްޓު ވެފައިވާ ކަމަށާއި މިހާތަނަށް ހަތް ޑޮކްޓަރުންނާއި 10 ނަރުހުން ފާހަގަކުރެވިފައިވާ ކަމަށް ސާތު ވިދާޅުވިއެވެ.
ޑޮކްޓަރުންނާއި ނަރުހުން ހޮސްޕިޓަލުގެ ވަކި ތަނެއްގައި އައިސޮލޭޓް ކޮށްފައިވާއިރު، އެމީހާ އާއި ދެން ކޮންޓެކްޓުވި ފަރާތްތައް ވަނީ ގޭގައި އައިސޮލޭޓް ކޮށްފައެވެ. މިހާތަނަށް އެމީހާ އާއި ޑައިރެކްޓުކޮށް ކޮންޓެކްޓް ވެފައިވާ 26 ފަރާތެއް ވަނީ ފާހަގަކުރެވިފައެވެ. އޭގެތެރޭގައި އެމީހާގެ އާއިލީ ފަރާތްތައް ވެސް ހިމެނޭއިރު، އެ ފަރާތްތައް އައިސޮލޭޓްކޮށްފައިވަނީ ގޭގައެވެ.
އަދި އެމީހުން އައިސޮލޭޓް ކުރެވިފައިވާ މީހުންގެ ގެތައް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށްވެސް ސާތު ވިދާޅުވިއެވެ.
މީގެއިތުރުން އައްޑޫން ޕޮޒިޓިވްވި މީހާ އަށް ބަލި ޖެހުނީ އައްޑޫންތޯ ނުވަތަ އޭގެ ކުރިންތޯ ދެނެގަތުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށާއި ނަމަވެސް އައްޑޫގައި ކޮމިއުނިޓީ ސްޕެރެޑެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އަމަލުކުރުން ވަރަށް މުހިއްމުކަން ސާތު ފާހަގަކުރެއްވިއެވެ.
ޕޮޒިޓިވްވި މީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ މާޗް 10 ވަނަ ދުވަހު އައްޑޫއަށް ރިސޯޓަކުން އައި މަރަދޫފޭދޫ މީހެކެވެ.