އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އާއި 26 މީހަކު ކޮންޓެކްޓު ވެފައިވާ ކަމަށް އައްޑޫ ހޮސްޕިޓަލުން ބުނެފިއެވެ.
ޕޮޒިޓިވްވި މީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ މާޗް 10 ވަނަ ދުވަހު އައްޑޫއަށް ރިސޯޓަކުން އައި މަރަދޫފޭދޫ މީހެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު (ސާތު) ވިދާޅުވީ އެމީހާ ބައްޔަށް ޕޮޒިޓިވްވިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު ކަމަށާއި އެ މައުލޫމާތު ލިބުމާއެކު ބަލި މީހާ އާއި ކޮންޓެކްޓުވި ހުރިހާ ފަރާތްތަކަށް ގުޅައިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ބަލި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 26 އަށް ވުރެ ގިނަ ފަރާތްތައް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން އެމީހާ އަށް ފަރުވާދިން ފްރަންޓްލައިނުގެ ސްޓާފުން ވަކި ތަނެއްގައި އައިސޮލޭޓްކޮށްފައިވާ ކަމަށްވެސް ސާތު ވިދާޅުވިއެވެ.
އެމީހާއާ ޑައިރެކްޓް ކޮންޓެކްޓުވި މީހުންގެ ތެރޭގައި ހަތް ޑޮކްޓަރަކާއި 10 ނަރުހަކު ހިމެނޭ ކަމަށްވެސް ސާތު ވިދާޅުވިއެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އައްޑޫގައި ތަޖުރިބާކާރު ޓީމެއް އެބައޮތް ކަމަށާއި މި މަސައްކަތަށްފަހު ދެން ފޯކަސް ކުރާނީ އައްޑޫގެ ތެރޭގައި ބަލި އޮތްކަން ދެނެގަތުމަށް ކަމަށްވެސް ސާތު ވިދާޅުވިއެވެ.
އައްޑޫން ޕޮޒިޓިވްވި މީހާ އަށް ބަލި ޖެހުނީ އައްޑޫންތޯ ނުވަތަ އޭގެ ކުރިންތޯ ދެނެގަތުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށާއި ނަމަވެސް އައްޑޫގައި ކޮމިއުނިޓީ ސްޕެރެޑެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އަމަލުކުރުން ވަރަށް މުހިއްމުކަން ސާތު ފާހަގަކުރެއްވިއެވެ.