އައްޑޫ ސިޓީއިން ކޯވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮސިޓިވް ވެފައިވާ ކަން މިއަދު އިއުލާން ކޮށްފައިވާއިރު އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އައްޑޫ މޭޔަރ އަބްދުﷲ ސޯދިގާއި އައްޑޫ އިކުއޭޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއްސާދަތު މިއަދު ދެއްވި ޕްރެސް ކޮންފަރެންސުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުތައް ބަލައިނުގަނެ ސޯޝަލް މީޑިޔާގައި އެތައް ބަޔަކު ވަނީ ފާޑުކިޔާފައެވެ.
ރޭ މާލެ ފޮނުވާލި ބަލި މީހާއަށް އައްޑޫ ލޮކްޑައުން ހާލަތުގައި އޮތް ނަމަވެސް ހޮސްޕިޓަލުގައި ގިނަ ބަޔަކު ޒިޔާރަތްކޮށް ބައްދަލުކޮށްފައިވާކަން މެނޭޖަރ ސާދަތު ވަނީ ފާހަގަކޮށްފައެވެ. އޭނާ ވިދާޅުވީ ގިނަ ބަޔަކު އައިސީޔޫއަށް ވަދެފައިވަނީ ހޮސްޕިޓަލުގެ އެންގުމާ ޚިލާފަށް ކަމަށެވެ.
އަދި ބަލި މީހާ ފުރުވާލުމަށް ވެސް ގިނަ ބަޔަކު އެއާޕޯޓަށް ދިޔަ ކަމަށާއި ކޮންޓެކްޓް ޓްރޭސިން ހަދަން ފެށުމުން އެކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހޮސްޕިޓަލްގެ ބައެއް މުވައްޒަފުން މާސްކު ނާޅައި މީހުންނާ މުއާމަލާތު ކޮށްފައިވާ ކަން ވެސް މިހާރު އެނގިފައިވާ ކަމަށާއި އެ މުވައްޒަފުން އެކަން ކުރީ އެންގުމާ ޚިލާފަށް ކަމަށް ސާތު ފާހަގަކުރިއެވެ. ބައެއް ޑޮކްޓަރުންނާއި ނަރުހުން ޕޮސިޓިވްވި ބަލި މީހާއާ ބައްދަލުވެފައިވާއިރު އެއްވެސް މީހަކު ސަލާމަތީ ރައްކާތެރިކަން ހޯދުމަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް ބޭނުން ކޮށްފައިނުވާތީ 3 ޑޮކްޓަރަކާއި ނަރުހުންތަކެއް އަދި އިތުރު މުވައްޒަފުން ވެސް ވަނީ މިހާރު ހޯމް އައިސޮލޭޓް ކޮށްފައެވެ.
މިއަދު އައްޑޫގައި މީހަކު ޕޮސިޓިވް ވެފައިވާއިރު މިއަދުން ފެށިގެން ގެއިން ބޭރަށް ނިކުތުން މަނާ ކުރުމުގެ އިތުރުން ޚާއްސަ ފިޔަވަޅު ތަކެއް އަޅާނެ ކަމަށް މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވެފައިވެއެވެ.
ނަމަވެސް އައްޑޫގައި ބަލި ނެތް ކަމަށް ބެލެވި ބައެއް ފަރާތްތަކަށް "އީޒް" ކުރެވުނީ ކަމަށް ސޯބެ ވިދާޅުވިއެވެ. މިހާރު ބަލި އޮތް ކަން ކަށަވަރު ވެއްޖެ ކަމަށާއި އެހެންކަމުން ދެން އަޅަންވީ ފިޔަވަޅުތައް އީޒް ކުރުމެއް ނެތި އެޅުމަށް ސޯބެ ވަނީ އެދިފައެވެ.
ކޮމިއުނިޓީ ސްޕްރެޑެއް މިތާ އޮތް ކަމަށް ބެލެވޭ ކަމަށް ސޯބެ ވިދާޅުވެފައިވާއިރު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިދަނޑިވަޅުގައި "އީޒް" ކޮށްފައިވަނީ އީޒް ކުރަން ނުޖެހޭ ފަރާތްތަކުންނެވެ.