Last Updated: November 27, 13:36
Wednesday, November 27, 2024
ޚަބަރު

މެޑިޓެކުން ރާއްޖެއަށް 18 ވެންޓިލޭޓަރ ގެނެސްފި

މެޑިޓެކް މޯލްޑިވްސް އިން ރާއްޖެއަށް 18 އައިސީޔޫ ވެންޓިލޭޓަރ ގެނެސްފިއެވެ.

މެޑިޓެކުން ވެންޓިލޭޓަރުތައް ގެނެސްފައިވަނީ ސްރީލަންކަންގެ ކާގޯ ފްލައިޓެއްގައެވެ. ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓު އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެޑިޓެކުގެ 18 އައިސީޔޫ ވެންޓިލޭޓަރާއި ކޮންމެހެން މިވަގުތަށް ބޭނުންވާ މެޑިކަލް ސާމާން ގެނެސްފައިވާ ކަމަށެވެ.

މެޑިޓެކާއި ހަވާލުކޮށްފައިވަނީ 50 ވެންޓިލޭޓަރު ގެނައުމަށެވެ. އެއީ 34 މިލިއަން ރުފިޔާއަށެވެ.

ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މެޑިޓެކާއި ހަވާލު ކުރި ވެންޓިލޭޓަރުގެ ތެރެއިން ފުރަތަމަ 18 ވެންޓިލޭޓަރު މި މަހުގެ 1ގައި އަދި 10 ވެންޓިލޭޓަރު މިމަހުގެ 15 ގައި ރާއްޖެ ގެނެވޭނެކަމަށެވެ.

ރާއްޖެއަށް ގެންނަ ވެންޓިލޭޓަރު ތަކާއި ގުޅޭ ގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރާ ކުރެއްވި ސުވާލަށް ލިޔުމުން އަމީން ދެއްވި ޖަވާބުގައި ވިދާޅުވީ ވެންޓިލޭޓަރުތައް އެންމެ ފުރަތަމަ ގެނައުމަށް ހަވާލުކުރީ އެސްޓީއޯ، މެޑްޓެކް އަދި ނާޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ. އެ ތިން ކުންފުންޏަކީ ވެސް ހެލްތު މިނިސްޓްރީއަށް މީގެކުރިންވެސް ސިއްހީ ސާމާނުތައް ސަޕްލައި ކޮށްދީފައިވާ ކުންފުނިތައް ކަމަށް އަމީން ފާހަގަކުރެއްވިއެވެ.

އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް އަވަހަށް ހޯދަން ބޭނުންވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ދަށުން ދެ ކުންފުންޏަކަށް ހަވާލުކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އެއީ މެޑްޓެކް އާއި ނާޑް ކަމަށެވެ.

އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމުގައި ދަތިތަކެއް ކުރިމަތިވާކަމަށެވެ. އެގޮތުން އެންމެ ބޮޑު ދައްޗަކީ ވެންޓިލޭޓަރުތައް އުފައްދާ ގައުމުތައް ލޮކްޑައުން ކޮށްފައި އޮތުމުން ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއީ ކޯޓޭޝަން ހޯދި އިރު، ކުންފުނިތަކުން އުންމީދު ކުރި ގޮތެއް ނޫން ކަން ކުންފުނިތަކުން ވަނީ އަންގާފައި ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ކުންފުނިތަކުން ވެންޓިލޭޓަރުތަކުގެ އަގު ދައްކާފައިވާ އިރު، ވެންޓިލޭޓަރު މެނިފެކްޗަ އަތުން ލިބުމާއި ސަޕްލައި ކުރުމުގައި ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު މިނިސްޓްރީ އަށް ދިނުމުން، މިނިސްޓްރީން ކުންފުނިތަކާއި ބައްދަލުކޮށް އަވަސް ގޮތެއްގައި ތަކެތި ސަޕްލައި ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އޮޅުން ފިލުވައި އެކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކޮށް ކުންފުނިތަކުން އެދުނު ލިޔުންތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ މެކްޓެކް އަދި ނާޑަށް ހަވާލުކުރި ވެންޓިލޭޓަރުތައް ލިބުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލުކުރެވޭތީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އިން އަގު ހޯދައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ތެރެއިން ވެންޓިލޭޓަރުތަކެއް ސަޕްލައި ކުރަން ހަވާލު ކުރެއްވި ކަމަށެވެ.