ސ. މަރަދޫ ސިއްހީ މަރުކަޒުގެ އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ނަގައިފިއެވެ.
މަރަދޫ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި ކުރީގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠޮއްޔިބް( ޓޮމް) ވިދާޅުވީ ސިއްހީ މަރުކަޒުގެ އޮފީސް ފަޅާލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށެވެ. އަދި ތިޖޫރީ ފިޔަވައި އިތުރު އެއްޗެއް ވަގަށް ގެންގޮސްފައިވާކަން އެނގެން ނެތް ކަމަށެވެ.
"ވަގަށް ގެންދިޔައީ ތިޖޫރީ، އޭގައި ހުންނާނީ 900 އެއްހާ ރުފިޔާ، އިއްޔެ ތިޖޫރީގައި ހުރި ފައިސާއެއް ވަނީ ބޭންކު ކުރެވިފައި" ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ ސިއްހީ މަރުކަޒާއި ހަވާލުވި ދުވަހުން ފެށިގެންވެސް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައީ ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމަށްކަމަށެވެ.
"ވަގުންނަށް އެހާ ފަސޭހައިން އޮފީސް ފަޅާލެވުނީ ވަށާފާރު ރޭނިފައި ނެތީމާ، އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަގުން ވަދެފައިވަނީ"
ޓޮމް ވިދާޅުވީ ފާރު ރޭނުމުގެ ކަންކަން އަވަސް ކުރުމަށް ތަފާތު ފަހަރުމަތިން މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އެކަން އަވަސް ކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނަނީ ތަހްގީގު ކުރަމުންނެވެ.