ލޮކްޑައުންގެ ސަބަބުން އިންޑިއާގެ އެކި އަވަށްތަކާއި ސިޓީތަކުގައި ތާށިވެފައި މަސައްކަތެއްނެތި ހާލުގައި ޖެހިފައިވާ މަސައްކަތްތެރިން އެމީހުންގެ ވަޒަނަށް އަނބުރާ ފޮނުވުމަށް ބޮލީވުޑްގެ އެކްޓަރު ސޯނޫ ސޫދު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ސޯނޫ ވަނީ އޭނާގެ ހޮޓެލް މެޑިކަލް ސްޓާފުން ތިބުމަށް ދީފައެވެ. މީގެ އިތުރުން ވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ޕީޕީއީ ފަދަ ތަކެތި ހަދިޔާ ކުރުމުގައި ސޯނޫ ވަނީ ފާހަގަކޮށްލެވިފައެވެ.
މަސައްކަތްތެރިންގެ ވަޒީފާތައް ގެއްލިފައިވުމުގެ ސަބަބުން އެ ފަރާތްތަކުން ވަނީ ކާނެ ގޮތެއް އަދި ވަންނާނެތަނެއް ނެތި ހާލުގައި ޖެހިފައެވެ. ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކަނޑާލާފައި ވުމުގެ ސަބަބުން އެތައް ސަތޭކަ ކިލޯމީޓަރަށް ފައިމަގުގައި ހިނގާފައި އަމިއްލަ ވަޒަނަށް ދިޔުމަށްޓަކައި ދިޔުމަށް އެ ފަރާތްތައް ވަނީ މަޖްބޫރުވެފައެވެ.
މިފަދަ ދަނޑިވަޅުގައި އެފަރާތްތަކަށް އެހީތެރިވެދީ އެމީހުންގެ ވަޒަނަށް ފޮނުވުމުގެ މަސައްކަތުގައި ސޯނޫވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން މަހާރާޝްތްރާ އަދި ކަރްނަޓަކާގެ ސަރުކާރާއި ވާހަކަ ދައްކައިގެން 10 ބަސް ހަމަޖައްސާ އެތައް ސަތޭކަ މަސައްކަތްތެރިން އެމީހުންގެ ވަޒަނަށް ވަނީ ފޮނުވާފައެވެ. 70 އަދި 80 އަހަރުގެ މުސްކުޅި މީހުން ހިނގާފައި ދިގު ރާސްތާ ކަޑައްތުކުރާ މަންޒަރަކީ އޭނާގެ ހިތަށް ކެތްވާވަރުގެ މަންޒަރުތަކެއް ނޫން ކަމަށް ސޯނޫވަނީ ބުނެފައެވެ. އެގޮތަށް ދާ ފަރާތްތަކުގެ ތެރޭގައި ވިހައިގެން ގިނަ ދުވަސްނުވާ ކުޑަ ކުދިންތައް ވެސް އަތްމަތީގައި ބައިތިއްބައިގެންދާ މަންޒަރުވެސް ފެންނަ ކަމަށް އޭނާ ބުންޏެވެ.
އެފަދަ ފަރާތްތަކަށް ކާއެއްޗެހި ފޯރުކޮށްދީ އެހީތެރިވުމުން އެފަދަ ފަރާތްތަކުގެ މޫނުމަތިން ފެންނަ ހިނިތުންވުމުން އޭނާ އަށް ހިތްހަމަޖެހުން ލިބޭ ކަމަށް ވެސް ސޯނޫ ބުންޏެވެ.
ފުރަތަމަ ބުރުގައި ދެ ސަރަހައްދަކަށް މީހުން ފޮނުވި ކަމުގައި ވިޔަސް އަދި ވެސް ގިނަ ސަރަހައްދު ތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ސޯނޫ ވަނީ ބުނެފައެވެ.