ކޯވިޑް-19 އަށް އައްޑޫން ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް، އައްޑޫ ތަމްސީލް ކުރައްވާ 7 މަޖިލީސް މެމްބަރުންނަށް ދެއްވައިފިއެވެ.
އިއްޔެ ވެބް ކޮންފަރެންސް މެދުވެރިކޮށް ހަތް މެމްބަރުން ނައިބު ރައީސާއި ހެލްތް މިނިސްޓަރ އަމީނާ ބައްދަލުކުރައްވައި އައްޑޫގައި ޓެސްޓުކުރުމުގެ އިންތިޒާމް ހަމަނުޖެހި ލަސްވުމާ ގުޅޭގޮތުން ސުވާލު ކުރެއްވިއެވެ.
ހެލްތް މިނިސްޓަރ އަމީން ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ވެސް ކޯވިޑާ ހަނގުރާމަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެހުއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރަށް ކުރިމަތިވާ ގޮންޖެހުންތައް ތަފްސީލުކޮށް މިނިސްޓަރު ވަނީ މެމްބަރުންނަށް ކިޔާ ދީފައެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، އައްޑޫގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަނުޖެހި ލަސްވާ ކަން ސަރުކާރުން ބަލަމުން އަންނަ ކަމަށާއި ހައްލުކުރަން ޖެހޭ ކަންކަން ކޮށް ވަރަށް އަވަހަށް ޓެސްޓު ކުރެވޭ ގޮތް ހެދޭނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޭގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. ހަތް މެމްބަރުން ނައިބު ރައީސާއި ބައްދަލުކުރައްވާފައިވަނީ އައްޑޫގައި ޓެސްޓު ނެހެދި މާލެއަށް ސާމްޕަލް ފޮނުވައި ލަސްވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.