އައްޑޫގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އަދި ނެތްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އައްޑޫގައި ކޮވިޑް-19ގެ ޓެސްޓު ނުކުރެވޭތީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބް ލީޑަރު ނައިފަރު ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ރޮޒެއިނާ ވިދާޅުވީ އައްޑޫގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އަދި ނެތް ކަމަށެވެ. އަދި އައްޑޫން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ މާލެއިން މެޝިން ގެނެސްގެންވެސް ޓެސްޓު ހަދަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.
"އައްޑޫން ޕޮޒިޓިވްވި ކޭސް ވެސް ފަހުން ނެގެޓިވްކަން ޔަގީންވީމަ އައްޑޫގަ ކޮމިއުނިޓީ ސްޕްރެޑެއް އަދި ނެތް" ރޮޒެއިނާ ވިދާޅުވިއެވެ.
ޝިޔާމު ހުށަހެޅުއްވި މައްސަލާގައި އައްޑޫއަށް ނިސްބަތްވާ ގިނަ މެމްބަރުން މިއަދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ހުށަހެޅި މައްސަލާގައިވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއް ހުރި ކަމަށް ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.
ޝިޔާމަށް ރައްދު ދެއްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ވަނީ ރޮޒެއިނާ ދެއްކެވި ވާހަކަ ތަކުރާރު ކުރައްވާފައެވެ. އެގޮތުން އައްޑޫން ޕޮޒިޓިވް ކޭސްްއެއް ފެނިއްޖެ ނަމަ މާލެއިން މެޝިން ގެންގޮސްގެން ޓެސްޓު ހަދާނެކަމަށް އިލްޔާސު ވެސް ވިދާޅުވިއެވެ. އަދި ކޮވިޑަށް އަމާޒުކޮށް އައްޑޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރަމުން އަންނަ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އައްޑޫން ކޮވިޑްް-19ގެ ޓެސްޓު ނުކުރެވޭތީ އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ޝިޔާމު ހުށަހެޅުއްވި ފަހުން އައްޑޫގެ 7 މެމްބަރުންނާއި ހެލްތު މިނިސްޓަރ އަދި ނައިބް ރައީސް ފައިސަލް ނަސީމު ވަނީ ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް މަޝްވަރާކޮށްފައެވެ. އެމަޝްވަރާއަށް ފަހު އައްޑޫން ވަރަށް އަވަހަށް ޓެސްޓު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އަދިވެސް ވަކި ތާރީހެއް ހާމަކޮށްފައި ނުވެއެވެ.