ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުން އަމަލު ކުރަންޖެހޭ ގޮތް ޕްރޮސިކިއުޓަރު ޖެނެލަރް (ޕީޖީ) އިން އަންގައިފިއެވެ.
ޕީޖީ އޮފީހުން މިރޭ ބުނީ ގާނޫނުއަސަސާސީގެ 223 ވަނަ މާއްދާގެ (ރ) ގެ ދަށުން ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާއި ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެ ކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އަށް ލިބިދޭ ބާރުގެ ދަށުން، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އަޅާ ފިޔަވަޅެއްގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާއި ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އެކުލަވާލައި، މިއަދުން ފެށިގެން އެއަށް އަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ޕްރޮސިކިއުޓަރު ޖެނެރަލް ވަނީ އަންގަވާފައިވާ ކަމަށެވެ.
ޕީޖީ އިން މިގޮތަށް އަންގާފައިވާއިރު ހުޅުމާލޭގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފަތުރުވެރިންތަކަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރި މީހުން ދޫވި މައްސަލާގައި ފުލުހުން ކުރި ތަހުގީގު ފުރިހަމަ ނުވާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ވަނީ ފުލުހުންނަށް އަންގާފައެވެ. އަދި އެ މައްސަލަ އަނބުރާ ޕީޖީ އިން ވަނީ އަނބުރާ ފޮނުވާލައިފައެވެ.
އެ މައްސަލާގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެފައި ވަނީ ފުލުހުން ކުރި ތަހުގީގު ރިވިއު ކުރުމުގެ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއެކު ފުލުހުން މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. ރައީސް އޮފީހުގެ އިސް ލޯޔަރާކާ އަދި ފުލުހުންގެ އެކްސްޕާޓުން އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުލުހުން އެ މައްސަލާގައި ކުރި ތަހުގީގު ރަނގަޅު ކަމަށެވެ. އެކަށީގެންވާ ވަރަށް ހެކިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އެކަމުގައި މިހާރު ޕީޖީ އާއިއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހުންނަށް ދައުވާ ކުރުމާއި މެދުވެސް ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވިއެވެ.