ކޮވިޑް19 ގެ ސަބަބުން ވަޒީފާތަކަށް ބަދަލުތައް އައިސްފައިވާ ފަރާތްތަކަށް ސަރުކާރުން ދޭނެ ކަމަށް ބުނެފައިވާ އިނާޔަތާއި ގުޅޭ އުސޫލު މިއަދު އާއްމުކޮށްފިއެވެ.
އުސޫލުގައިވާ ގޮތުގައި ވަޒީފާއަށް ބަދަލުތައް އައިސްފައިވާ މީހުންނަށް ސަރުކާރުން ކުރިން ބުނެފައިވާ އަދަދު ކަމަށްވާ 5،000 ރުފިޔާ ލިބިގެން ދާނެއެވެ. އެގޮތުން ކޮވިޑް19 ގެ ސަބަބުން ވަޒީފާއިން ވަކި ކޮށްފައިވާ މީހުންނާއި ނޯޕޭ ދިނުމަށްފަހު ފޮނުވާލާފައިވާ މުވައްޒަފުންނާއި އަދި މުސާރަތައް ކުޑަ ކޮށްފައިވާ މުވައްޒަފުންނަށް އެލަވަންސް ލިބިގެންދާނެއެވެ.
އެލަވެންސް ލިބޭއިރު މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާ އިންް މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ދޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެލަވަންސް ހޯދުމަށް ހުށަހަޅާ ފަރާތަށް އެހެން އާމްދަނީއެއް ލިބޭ ކަމަށްވާ ނަމަ އަދި އެ އާމްދަނީ އަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދަކަށްވާ ނަމަ އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރި އުސޫލުގައިވެއެވެ.
އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް މިއުސޫލުގެ ދަށުން ހަމަޖެހިފައި ވެއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ކަމަށް އުސޫލުގައި ބުނެފައި ވަނީ މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ.
މި އެލަވަންސް ދޭނީ މާޗް 1، 2020 ގެ ފަހުން ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް ބަދަލުތައް އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.