Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

އެމްޑީޕީގެ ސަރުކާރެއްގައި ޕެންޝަން ފަންޑުގައި އަތް ނުލެވޭނެ: ނަޝީދު

އެމްޑީޕީގެ މެނިފެސްޓޯއެއްގެ ދަށުން ހިނގާ ސަރުކާރަކުން ޕެންޝަން ފަންޑުގައި އަތްލުމުގެ ހުއްދަ ދިނުމަށް ވަރަށް ދަތިވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި "ކޮވިޑް19 އަށށް އެހީތެރިވުމުގެ" ބިލު މަޖިލީހަށް ބަލައިނުގަތުމުން އެކަމާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅަށްފަހު ވާހަކަދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ދައުލަތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ފައިސާ އެބަހުރި ކަމަށެވެ. ސައީދު ހުށަހަޅުއްވާފައިވާ ބިލުގައި އޮތް ގޮތަށް ޕެންޝަން ފަންޑުގައި ޖެހޭކަށް ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ދައުލަތުގެ މާލީ ހާލަތަށް އަސަރުކުރާނެ ބިލެއް އެޖެންޑާ ނުކުރިނަމަވެސް ކޮވިޑް19ގެ މިހާލަތުގައި އިދިކޮޅު ސިޔާސީ ޕާޓިތަކުގެ ބައިވެރިވުންވެސް ހިމަނާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އެ ވިދާޅުވާ ހުރިހާ ކަންތަކެއް ކުރުމަށް ދައުލަތުގެ ފައިސާ އެބަހުރި. އަދި ސަރުކާރުގެ ފައިސާ އެބަހުރި. އިއްޒަތްތެރި މެމްބަރަށްވެސް އެނގިވަޑައިގަންނަވާނެ އެ ފައިސާ އެބަހުރިކަން. އަޅުގަނޑުމެން ވާނީ މަނީ ސަޕްލައި އިތުރުކޮށްގެން ފައިސާ އުފައްދާފައި،" ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ފުރަތަމަ ސައީދު އެ ބިލު ހުށަހެޅުއްވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލިއްޔަތާއި ގުޅޭ ބިލުތައް ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށް ކަމަށެވެ. އެހެންކަމުން ބިލު އިސްލާހު ކުރުމަށްފަހު އަނެއްކާވެސް ހުށަހެޅުމަށް އެދިލެއްވިއެވެ. އެގޮތުން ބިލު އިސްލާހު ކުރުމަށްފަހު އިއްޔެ ސައީދު ވަނީ އަލުން ހުށަހަޅާފައެވެ.

ނަމަވެސް މިހާރު ކުރިޔަށްދާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ ބިލު އަނެއްކާވެސް އެ ބިލު ބަލައި ނުގަތުމަށް ވަނީ ނިންމާފައެވެ. ސަބަބެއް ކަމަށް ނަޝީދު ވިދާޅުވީ ގަވާއިދުގައި އެފަދަ ބިލުތައް ހުށަހެޅުމުގެ ފުރުސަތު ސަރުކާރަށް ލިބިފައިވާތީ ކަމަށެވެ.

ސައީދުގެ ބިލުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ލިބޭނެ ގޮތް ހެދުމާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 50 ޕަސެންޓު އުނިކުރުމާއި ސްޓޫޑަންޓު ލޯނު ދެއްކުން ވެސް މަޑުޖައްސާލުން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ ސަރުކާރުގެ އާމްދަނީއާ ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ.