ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި އެކު މާލޭގައި ތާށިވެ، އަމިއްލަ ރަށަށް ދާން ބޭނުންވެފައި ތިބި މީހުން ކަރަންޓީން ކުރުމަށް އިތުރު ތިން ރަށެއް ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސަަރައްހަދުގެ ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި، މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީން ކުރުމަށް ހަމަޖައްސާފައި ވަނީ ރާއްޖެގެ އުތުރުން ހދ. އަތޮޅާއި ފ. އަތޮޅާއި މ. އަތޮޅުން ރިސޯޓުތަކެއް ކަމަށެވެ. އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެކަމަކީ ކިތަންމެ އުނދަގޫ ނަމަވެސް ބޭނުންތެރި ކަމެއް ކަމަށް އަލީ ވަހީދު ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ކެތްތެރިކަމާއި އެކު ހިތްވަރުގަދަ ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
އަލީ ވަހީދު ވިދާޅުވީ އެ ތިން ރިސޯޓުގެ އިތުރުން މިހާރުވެސް ލޮކްޑައުންވެފައި ތިބި މީހުން ކަރަންޓީން ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަތަރު ރިސޯޓެއް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ލޮކްޑައުންވި ފަރާތްތައް ކަރަންޓީން ނުވަތަ އައިސޮލޭޓު ކުރުމަށް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.
މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެ އިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. މިހާތަނަށް އެނބުރި ރަށަށް ދިއުމަށް 5،000އަށްވުރެ މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.