ހުޅަނގު މޫސުމާއެކު އައްޑޫއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފޭދޫއަށް ކަމުގައި އެމް.އެން.ޑީއެފުން ބުނެފިއެވެ.
އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑަރ ކާރނަލް އިބްރާހިމް ރަޝީދު ވިދާޅުވީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ކޮށްފައިވާ ވިއްސާރައިގެ ސަބަބުން އައްޑޫގެ ގުޅިގައިވާ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން ގުޅިފައިވާ ރަށްތަކުގެ މަގުތަކުގައި ފެން ބޮޑުވެ، ގެތަކަށް ފެން ވަނުމުގެ ސަބަބުން ހިފާ ގެންގުޅޭ ގިނަ ސާމާނަށް ވަނީ ގެއްލުން ވެފައި ކަމަށެވެ. އަދި މިރަށް ތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ފޭދޫއަށް ކަން ކާރނަލް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
އެމްއެންޑީއެެފްއިން ބުނީ އައްޑޫއަށް ކުރި ވިއްސާރާގައި ޖުމްލަ 161 ގެއަކުން އެމް.އެން.ޑީ.އެފަށް ގުޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 97 ގެއަކީ ފޭދޫގެ ގެތަށްކަން ކާނަލް ރަޝީދު ވިދާޅުވިއެވެ.
ފޭދޫގެ އިތުރުން ހިތަދޫގެ 28 ގެއަކާއި، މަރަދޫގެ 12 ގެއެއްގެ އިތުރުން މަރަދޫފޭދޫގެ 24 ގެއަކުންވެސް ވަނީ ވިއްސާރައިގައި ގެއަށް ފެން ވަނުމުގެ ސަބަބުން ސިފައިންގެ އެހީއަށް އެދި ގުޅާފައެވެ.
ކާނަލް ރަޝީދު ވިދާޅުވީ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ހެދުނު ފެންގަނޑު ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން ދިޔުމުގެ ސަބަބުން އެހީއަށް އެދި ގުޅި ގެތަކުގެ ތެރެއިން ސިފައިންނަށް އެހީ ފޯރުކޮށް ދެވުނީ މަދު ގެއަކަށެވެ. އެގޮތުން ހިތަދޫގެ 6 ގެއެއްގައި 26 ވެލި ބަސްތާ، ފޭދޫގެ 11 ގެއެއްގައި 58 ވެލި ބަސްތާ، އަދި މަރަދޫފޭދޫގެ އެއްގޭގައި ސިފައިން ވެލި ބަސްތާ ޖަހާދީފައިވާކަމަށެވެ.
އައްޑޫގެ އިތުރުން ގދ. ތިނަދޫ، ރަތަފަންދޫ އަދި ގައްދޫއަށްވެސް ދެކުނު ސަރަހައްދުގެ ސިފައިންވަނީ ވިއްސާރައިގައި ލިބުނު ގެއްލުމުގައި ދެކުނު އޭރިއާގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ތިނަދޫގެ 21 ގެއެއްގައި ވެލި ބަސްތާ ޖަހާ ދީފައިވާއިރު، 3 ސަރަހައްދެއްގައި ގެން ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ވެސް ދެކުނު އޭރިއާ ސިފައިން ވަނީ ކޮށްފައެވެ.
ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވީ ސިފައިންގެ މަސައްކަތްތަކަށް ކައުންސިލްތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އަދި ދިފާއީ ވަޒީރު މާރިޔާ ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ފޯނުން ގުޅުއްވާ މި ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދެވިކަމަށެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ. ބުނެފައެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ގުޅިގެން މެޓު އޮފީހުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮރެންޖު އެލާޓު ނެރެފައެވެ.