މޫސުން ގޯސްވެ އުދަ އެރުމުގެ ސަބަބުން ރަސްފަންނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މީގެކުރިންވެސް ރަސްފަންނަކީ މޫސުން ގޯސްވާ ދުވަސްވަރުތަކުގައި ބައެއް ގެއްލުންތައްވާ ތަނެކެވެ. އެހެންނަމަވެސް މިފަހަރު ތަފާތެވެ. މަންޒަރުތަކުން ފެންނަނީ ރަސްފަންނު ސަރަހައްދު ސުންނާފަތި ވެފައިވާ މަންޒަރެވެ. މީހުން އިށީނުމަށް ހަދާފައިވާ ބެންޗު އެއްޗެއްސާއި ފަނުން ހަދާ ހިޔާ ކޮށްފައިވާ ތަންތަންވެސް ވަނީ ބިންމައްޗަށް ވެއްޓިފައެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސް ދުވަސްވަރެކެވެ. ރާއްޖެއަށް މޫސުން ގޯސްކަން އެނގިގެން ދަނީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެމުން އަންނަ އެލާޓުތަކަށް ބަލާފައެވެ. އެ އިދާރާއިން ވަނީ ރާއްޖޭގެ ތާރީހުގައި މިފަހުން ނެރެފައި ނުވާ އޮރެންޖު އެލާޓު ނެރެފައެވެ.
އޮރެންޖު އެލާޓު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދަށެވެ. މީގެއިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަށް ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވަރަށް ބޮޑަށް ވިއްސާރަކޮށްފައެވެ. އެކަމުގެ ސަބަބުން އައްޑޫގެ މަގުތަކުގައި ފެން ބޮޑުވެ ގެތަކަށް ފެންވަދެ ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.