Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއް ހެއްދުމަށް ލަފާ ދީފި

ރައްޔިތުން މަޖިލީހުގެ އެންވަޔަރަމަންޓު އެންޑް ކްލައިމެޓު ޗޭންޖު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން ---

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން މި އަހަރުގެ ތެރޭގައި ފުރިހަމަ ކުރުމަށް އެންވަޔަރަމަންޓު އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީ އިން ހުށަހަޅައިފިއެވެ.

ކޮވިޑް19 ގެ ސަބަބުން ދައުލަތަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި، ތިމާވެއްޓަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އަދި މިފަދަ ކަންކަން ބޭނުންކުރުމަށް ބަލާ އެކަންކަން ފުރިހަމަކުރުމަށް، އެ ޕްރޮގްރާމްތައް ހިންގާނެ އުސޫލުތަކެއްގެ ލަފާ ސަރުކާރަށް ދިނުމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ވަނީ 25 ކަމެއް ސަރުކާރަށް ހުށަހަޅާފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ހުރި ގިނަ ރުކަކީ ދުވަސްވެ މުސްކުޅިވެފައިވާ ރުއްކަމަށް ތަޖުރިބާކާރުން ބުނާތީ، ދެލައްކަ ރުއް ދިވެހިރާއްޖޭގައި އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހުށަހަޅާފައެވެ.

ކޮމެޓީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އެ ގޯއްޗަކަށް އެކަށޭނެ މިންވަރަކަށް "ހޯމް ގާޑަން" ހެއްދުމަށް ގަވާއިދުގައި ހިމެނުމަށް ހުށަހަޅާފައިވެއެވެ. ދަނޑުވެރިކަމަށް ބޭނުންވާ ގަސް ކާނާއާއި އޯގޭނިކް ބޭސް ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ފެށުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އެ ރިޕޯޓުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރުން ގަތުމަށް ނިންމެވި ފަދައިން ރަށްރަށުގައި ބާނާ ފަރު މަސް ސަރުކާރަށް ގަނެވޭނެ ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ. އަދި ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުން ދަނޑުވެރިކަމަށް ދޫކުރެވޭނެ ބިންތައް ކައުންސިލްތަކުން
އަވަހަށް ކަނޑައެޅުމަށް އަންގާ އެ ބިންތައް ދަނޑުވެރިކަން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރަތަމަ އަހަރު ހިލޭ އަދި ޖެހިގެން އަންނަ އަހަރުތަކުގައި ކުޑަ ކުއްޔެއް ކައުންސިލަށް ނަގާ ގޮތައް، ބިން ދޫކުރުމާއި، ދަނޑުވެރިކަން ކުރުމަށް ލުއި ލޯނު އަދި ފަންނީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުމަށް ވެސް ވަނީ ހުށަހަޅާފައެވެ.