ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ހަރަދުގެ ތެރެއިން މިދިޔަ ހަފްތާގައި އެވްރެޖްކޮށް ދުވާލަކަށް 21.25 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާ އިރު 30 އެޕްރީލް 2020ގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅިގެން ހަރަދުކޮށްފައިވަނީ 665.4 މިލިއަން ރުފިޔާއެވެ. އަދި 7 މޭއި 2020 އާއި ހަމައަށް ދައުލަތުން ވަނީ 814.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު ހަފްތާއެއްގެ ތެރޭގައި 148.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މި ހިސާބުތަކަށް ބަލާއިރު އެއީ ދުވާލަކަށް 21.25 މިލިއަން ރުފިޔާއެވެ.
ކޮވިޑް-19 ގެ ކަންކަމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަމުން އަންނަ އިރު މިދޔަ ހަފްތާގައި އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އަށެވެ. ކޮވިޑް-19ގެ މައި އޮޕަރޭޝަން ރާއްޖޭގައި ހިންގަމުން އަންނަނީ އެންޑީއެމްއޭގެ ދަށުންނެވެ.
މި ގޮތުން މިދިޔަ ހަފްތާގައި އެންޑީއެމްއޭއިން ވަނީ 138.1 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެންޑީއެމްއޭގެ ހަރަދުތަކަށް ބަލާ އިރު މިދިޔަ 7 ދުވަހުގެ ތެރޭގައި ހިދްމަތް ފޯރުކޮށްދިނުމަށް އެ އޮތޯރިޓީން ވަނީ 28 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެއީ ދުވާލަކަށް ބަލާއިރު 4 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ހަރަދުގެ ތެރެއިން މިދިޔަ ހަފްތާގައި އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށުން ހިންގަމުން އަންނަ ޓޫރިޒަމް ފަންޑުންނެވެ.
ޓޫރިޒަމް ފަންޑުން މިހާތަނަށް ވަނީ 24 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި މިދޔަ ހަފްތާގައި ވަނީ ޖުމްލަ 9.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރެވޭ މީހުން ތިބުމަށް ހަދާ ކަރަންޓީނު ފެސިލިޓީ ތައްޔާރު ކުރަނީ ޓޫރިޒަމް މިނިސްޓްރީންކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.، އެގޮތުން މިހާތަނަށް ފެސިލިޓީތައް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން 15.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ފެސިލިޓީތަކަށް ބޭނުންވާ ސަޕްލައި ހޯދުމަށް މިހާތަނަށް 7.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ހާމަކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް ޓޫރިޒަމް ފަންޑުން އެއްވެސް ފެސިލިޓީއެއް މަރާމާތު ކުރުމަށް އެއްވެސް ހޭދައެއްކޮށްފައި ނުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން އަންނަނީ އާއްމު ކުރަމުންނެވެ.