ސަރުކާރު އޮފީސްތަކަށް މުވައްޒަފުން ނެގުން މަޑު ޖައްސާލުމަށާއި އަދި މުވައްޒަފަކު ނެގި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެ މިނިސްޓްރީން އޮފީސްތަކަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިގޮތަށް އަންގާފައި ވަނީ ސަރުކާރު އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައެވެ. އެ ސާކިއުލާގައި ވަނީ ވަޒީފާއިން ވަކިވާ މުވައްޒަފުންގެ ބަދަލުގައިވެސް އެ މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނަގައިގެން ނުވާނެ ކަމަށެވެ. އަދި މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އޮފީސްތަކުގެ އާންމު ހަރަދުތަކުގެ ތެރެއިން މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް ހަމަޖައްސާ އިންޝުއަރަންސް ފަދަ ކަންކަންވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ނުދިނުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން އެފަދަ އެއްވެސް ކަމެއްގެ މުއްދަތު ވެސް އިތުރު ނުކުރުމަށްވެސް ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް އަންގާފައެވެ.
ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް އެފަދައިން އަންގާފައިވާއިރު ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަ ކޮށްފައެވެ.
އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 20،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ އަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ނަމަވެސް 20،000 ރުފިޔާއިން މަތިން އަސާސީ މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 20 ޕަސެންޓު އުނި ކުރާނެ ކަމަށް ސާކިއުލާގައިވެއެވެ. އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކޮށްފައިވާ ކަމަށެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންނަށް 30 ޕަސެންޓު އުނިކުރާނެއެވެ.