ކޯވިޑް-19 އާއި ގުޅިގެން އަމަލު ކުރަން ފަށާފައިވާ އިންޑިއާގެ ފުރަ ބަންދު މޭއި 31 އާއި ހަމައަށް އިތުރުކޮށްފިއެވެ.
މި ފުރަބަންދު އިތުރުކޮށްފައި ވަނީ އެޤައުމުގެ ކޯވިޑް-19 ގެ ކޭސްތައް 900،000 އަށް ވުރެ މައްޗަށް ގޮސް، ޤައުމުގައި ދިރިއުޅޭ ބޭރު މީހުންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުން ގިނަ ވެފައިވާ ދަނޑިވަޅެއްގައެވެ.
އާދިއްތަ ދުވަހު އިންޑިއާގެ އިންޓީރިއަރ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނާ ގޮތުން، އެޤައުމުގެ މަދުރަސާތަކާއި، މޯލްތަކާއި، އާންމުން އެއްވެ އުޅޭ ގިނަ ތަންތަން ހުންނާނީ މި ދުވަސްތަކުގެ ތެރޭގައިވެސް ބަންދު ކުރެވިފައެވެ. ނަމަވެސް، ކޭސްތައް މަދުން ފެންނަ ސަރަހައްދުތަކުގައި މި އުސޫލުތަކަށް ކޮންމެވެސް ވަރެއްގެ ލުއި ތަކެއް ދެވިގެންދާނެ ކަމަށް އެ މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.
އެގޮތުން، އާންމުކޮށް އެއްވެސް އުޅުން މަނާ ނަމަވެސް، ގިނަ ކޭސްތައް ހުރި ކޮންޓެއިންމެންޓް ޒޯންތަކުގެ ބޭރުން "އެހެން ހުރިހާ ހަރަކާތްތަކަށް ހުއްދަ ދެވޭނެ" ކަމަށް އެމިނިސްޓްރީ އިންވަނީ އިއުލާން ކޮށްފައެވެ. ބެލެވޭ ގޮތުގައި މިކަމަކީ ޤައުމުގެ އިޤްތިޞާދާއި އިންޑަސްޓްރީތައް އަލުން ހުޅުވުމަށް އެޤައުމުން އަޅާ ފިޔަވަޅެކެވެ.
މިކަމާއި ގުޅިގެން އިތުރަށް އެމިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކޮންޓެއިންމެންޓް ޒޯންތައް ކަނޑައަޅާނީ ޑިސްޓްރިކްޓްތަކުގެ އިދާރާ ތަކުން ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ މިހާރުގެ ހާލަތަށް ބަލާލާއިރު، މި ބަލި އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގައި ބަލި ޖެހިފައިވާ މީހުންގެ އަދަދަށްވުރެ، އިންޑިއާގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް، މިބަލީގައި މަރުވި މީހުންގެ އަދަދު އަދިވެސް މަތީ ޗައިނާގައެވެ.
އިންޑިއާގެ ފުރަބަންދު ފެށުނީ މާރޗު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެފަހުން މި ފުރަ ބަންދުގެ މުއްދަތު ވަނީ އެކި ފަހަރު މަތިން އިތުރު ކުރެވިފައެވެ.