ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މި މައްސަލަ އަކީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ފޮނުއްވާފައިވާ މައްސަލައެކެވެ.
މީގެއިތުރުން ކޮވިޑް19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ އާމްދަނީ އާއި މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާ ހުށަހެޅި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނިންމާފައިވާ މައްސަލާގައި ވެސް ވަނީ އެޗްއާރްސީއެމްގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ކޮމެޓީ ރިޕޯޓުގައި އެޗްއާރްސީއެމްގެ މެންބަރުން އެމީހުންގެ މަސްއޫލިއްޔަތު އެއްވެސް ވަރަކަށް އަދާ ކުރަމުން ނުދާކަން ވަނީ ފާހަގަކޮށްފައެވެ.
ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާތަކުގައި މަޖިލީހުގެ މެންބަރުން އަންނަނީ ތަކުރާރުކޮށް އެޗްއާރްސީއެމްގެ މެންބަރުންނަށް ފާޑު ވިދާޅުވަމުންނެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރީގެ އިދިކޮޅު ފަރާތްތަކަށް ކުރަމުން ދިޔަ އަނިޔާއާ މެދު އެޗްއާރްސީއެމް އިން އެއްވެސް ބަހެއް ނުބުނެ ހުރެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރަށް ވަޑައިގަތުމުން ކަންކަން ގޯސް ކަމަށްބުނެ ބަސް ބުނަމުން އަންނާތީ މެންބަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.