ކޮވިޑް19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެނެޑާ ސަރުކާރުން ރާއްޖެއަށް 1 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.
މިއަދު މެންދުރުފަހު ބޭއްވި ވާޗުއަލް ރަސްމިއްޔާތެއްގައި އެ އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ކެނެޑާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަންއެވެ. ހާލުގައި ޖެހިފައިވާ ފަރާތްތައް ތިބޭނެ ވަގުތީ ހިޔާއެއް ގާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ހިންގާ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެން ދާނީ ޖެންޑާ މިނިސްޓްރީގެ ފަރާތުންނެވެ. އެ ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ބޭނުންވާ 400 އެއްހާ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދެވޭނެއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކެނެޑާގެ ހާރިޖީ ވަޒީރު ފްރާންސްވާ ފިލިޕް ޝެމްޕޭންއަށާއި، އެގައުމުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ކެރީނާ ގޫލްޑްއަށް ރާއްޖެއަށް ދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ކެނެޑާއިންވެސް ކޮވިޑް19 އާ ދެކޮޅަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް މިދިން އެހީތެރިކަމަކީ ބޭނުމެއް ޖެހިފައިވާ ފަރާތްތަކަށް ކެނެޑާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮންނަ ކަމުގެ މިސާލެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެނެޑާ ސަފީރު ވަނީ، ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ.