ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ރައްޔިތުންނަށް އިހުލާސްތެރި ސަރުކާރެއް ކަމަށްވީ ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި ތިއްބެވި ވަޒީރުންނަކީ ގާބިލު ވަޒީރުންނެއް ނޫން ކަމަށާއި އެބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ގޮވާލައި ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ގޮވާލައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދޮންބިލެއް ވިދާޅުވީ މިސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް ކަމަށްވީ ނަމަވެސް ސަރުކާރުގެ ވުޒާރާތައް ހިންގަވަން ތިބި ގިނަ ބޭފުޅުންނަކީ އެންމެ ގާބިލު ބޭފުޅުން ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އޭނާ ވަނީ ކޮވިޑް19 ގެ ކަންތައްތަކުން އަރައިގަނެވުނުހާ އަވަހަށް ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފައެވެ.
"ވީހާވެސް އަވަހަށް އަޅުގަނޑުމެން ސަރުކާރުގެ ވުޒާރާތައް އޯވަހޯލް ކުރަން އެބަ ޖެހޭ. ވަރަށް ގިނަ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އަޅުގަނޑުމެން މުޅިން އާ ވަޒީރުން، ދިވެހިރާއްޖޭގައި ވަރަށް ގާބިލު ބޭފުޅުން އެބަ ތިބި،" ދޮންބިލެއް ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް ދޮންބިލެތް ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމުން ވަކިކޮށް، ވީހާވެސް އަވަހަކަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރަންޖެހޭ ވަކި ސަބަބެއް ދޮންބިލެތް ވިދާޅެއް ނުވެއެވެ.
"މިދަނޑިވަޅަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހޯމް މިނިސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ވަގުތެއް ކަމަށް އަޅުގަނޑު ދެކެން. އެހެންވީމަ ވީހާވެސް އަވަހަކަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން އަބްދުﷲ ބޭރުކޮށް، އަޅުގަނޑުމެންނަށް ވީހާވެސް އަވަހަކަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ދޮންބިލެއް ވިދާޅުވިއެވެ.
ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ދޮންބިލެއް ގޮވާލެއްވިއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިފަދައިން ވިދާޅުވެފައެވެ. ރައްޔިތުން މަޖިލީހުން ބުނާ ގޮތަށް ނުވަތަ މެންބަރުންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ނުލިބޭ ކަމަށްވާ ނަމަ ސަރުކާރު ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ފުރިހަމަ ބާރުވެސް މަޖިލީހަށް ލިބިގެންވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.