ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރގެ މުސާރައަަކީ ރައްޔިތުންނަށް ސިއްރު ކުރަން ޖެހޭ މައުލޫމާތެއް ނޫންކަމަށް އިންފޮމޭޝަން ކަމިޝަން އޮފީސް (އައިކޮމް) އިން ބުނެފިއެވެ.
އައިކޮމްއިންމި ގޮތަށް ބުނެފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަަބަބު ހޯއްދެވުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުން އަންނަކަން ހާމަ ކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އައިކޮމްއިން ބުނީ ސްޓެލްކޯ ފަދަ ރައްޔިތުންގެ ސަރުކާރުގެ ސައްތައިންސައްތަ ޙިއްސާވާ އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭ މަޢުލޫމާތެއް ނޫނެވެ.
އައިކޮމްއިން ބުނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަަބަބު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ތަޙްޤީޤުކުރެއްވުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމުކުރުމަށް މަސައްކަތްކުރެއްވުމަށް އިއޮކޮމްއިން ވަނީ ގޮވާލަމެވެ.
ހާމަކަން ބޮޑު ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، އެ ސަގާފަތަށް އަހުލުވެރިވުމަކީ ފަސާދަ މަދުވެ، ދައުލަތާއިމެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެކެވެ. އަދި އިދާރާތަކުގެ ތަސައްވުރު ރަނގަޅުވެގެންދާނެ ކަމެކެވެ. މި މަގަށް ކުންފުނިތަކާއި ދައުލަތުގެ އެހެން އިދާރާތަކުން މަސައްކަތް ގެންދިއުމަށް އައިކޮމްއިން ވަނީ ގޮވާލާފައެވެ.
ސްޓެލްކޯއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައިވާ ގޮތުން އެ ކުންފުނީގެ އެމްޑީ ހަސަން މުޣުނީ އަށް އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000ރ. މުސާރައިގެ ގޮތުގައި ލިބެއެވެ. އަދި މިއަދަދަކީ ފިނޭންސުން ކަނޑައަޅާފައިވާ އަދަދެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާއަށް ލީކުވި ސިޓީ އާއި ގުޅިގެން ސަރުކާރާއި މުއުނީއަށް އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.