Last Updated: November 27, 11:35
Wednesday, November 27, 2024
ޚަބަރު

ޓެކްނޮލޮޖީ ބޭނުން ކުރުމުން އިންސާފު ލިބޭކަން އިހްސާސު ކުރެވޭނެ: އޭޖީ

ކޯޓު ތަކުގެ ޝަރީއަތް ކުރިއަށް ގެންދިއުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވެ އިންސާފު ލިބޭކަން އިހްސާސު ކުރެވިގެންދާނެކަމަށް ރާއްޖޭގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު މިފަދައިން ވިދާޅުވީ ފުރަތަމަ ފަހަރަށް ސްޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ޓްވިޓަރ އަދި ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރުމަށް ސްޕްރީމު ކޯޓުން ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރިއްފަތު ވިދާޅުވީ ޝަރީއަތްތައް އޮންލައިން ކުރުމުން ޝަރީޢަތް އަވަސްވެ، އިންޞާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެކަމަށެވެ.

"ބޭނުންބޮޑު ތާރީޚީ ބަދަލެއްް:ޓެކްނޮލޮޖީ ބޭނުންކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވޭ. އަދި ޝަރީޢަތް އަވަސްވެ، އިންޞާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ. ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީޢަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންޞާފް ލިބޭކަން އިޙުސާސްކުރެވޭނެ."

ރިއްފަތުގެ ޓްވީޓުގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކުރުމާއި ގުޅިގެން ކޯޓުތަކުގެ ޝަރީއަތްތައް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ބައެއް ކޯޓުތަކުގައި ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ވަނީ ބާއްވާފައެވެ.

ސުޕްރީމް ކޯޓުން މިއަދުވަނީ ކޯޓަށް މީހުން ހާޒިރު ކުރުމަށް ރައްކާތެރި ނޫން ހާލަތްތަކުގައި މައިކްރޯސްފްޓް ޓީމްސް ނުވަތަ އެފަދަ ޓެލެކޮންފަރެސިން ނިޒާމެއް މެދުވެރިކޮށް ޝަރީއަތް ކުރާނެ ގަވާއިދެއް އެކުލަވާލާފައެވެ.