ނިއު ނޯމަލްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިޔަށް ގެންދާނުގެ ގޮތުގެ ގައިޑްލައިން "ސޭފް ޓޫރިޒަމް ގައިޑްލައިން" އަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ "ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ދެލި ކޮޕީއެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންނަށް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ގައިޑްލައިން އަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައި އޮންނާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނީ "ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ފައިނަލް އުސޫލު ސަރުކާރުން އާއްމު ކުރާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށެވެ.
ނިއު ނޯމަލްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިޔަށް ގެންދާނުގެ ގޮތުގެ ގައިޑްލައިން "ސޭފް ޓޫރިޒަމް ގައިޑްލައިން" އަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލިއިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެކަމުގައި މަޖިލީހުގެ ލަފަޔަކަށްވެސް އެދިފައެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވާ ސިޓީފުޅެއް ވަނީ ޖަލްސާއަށް އިއްވާފައެވެ. އެ ސިޓީފުޅުގައި އަލީ ވަހީދު ވަނީ ފަތުރުވެރިކަން އަލުން ހުޅުވާލުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިން އެކުލަވާލުމުގައި ދުނިޔޭގެ އެހެނިހެން ގައުމުތައް އެކަމުގައި ގެންގުޅޭ މިންގަނޑުތަކާއި ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާއި ޑަބްލިއުޓީއޯގެ ލަފަޔާއި އިރުޝާދާއި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލާފައިވާނެ ކަމަށް ވިދާޅުވިއެވެ.
"ސޭފް ޓޫރިޒަމް ގައިޑްލައިން"ގައި ކޮވިޑް19 ގެ ހާލަތުން އަރައިގަނެ ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަންނަ ޖެޓް ތަކުގެ ލޭންޑިން ފީގެ ގޮތުގައި 50،000 ޑޮލަރު ނެގުމަށް ވަނީ ހިމަނާފައެވެ.
އަންނަ ޖޫން މަހު ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު އެންމެ ފުރަތަމަ ހުޅުވާލަނީ ޕްރައިވެޓު ޖެޓުން އަންނަ ފަތުރުވެރިންނާއި ސުޕާ ޔޮޓްތަކަށެވެ. އެގޮތުން ރާއްޖެ އަންނަ ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު އަދި ސުޕަޔޮޓްތަކުން ރާއްޖެ ވަންނަން 10،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ޑްރާފްޓް ގައިޑްލައިންގައިވެ އެވެ.
މިނިސްޓްރީގެ ގައިޑްލައިންގައިވާ ގޮތުން ރިސޯޓުތައް ހުޅުވާލުމަށް ނިންމާފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ސޭފް ޓޫރިޒަމްގެ ލައިސަންސް ފީއެއްގެ ގޮތުގައި 50.000 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ހިމަނާފައެވެ.