ކޮވިޑް-19 އާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާއި ގުޅިގެން ހަރަދު ކުޑަކުރުމަށް ރައީސް އިބްރާހިމް ސޯލިހުގެ މުސާރަ އާއި އެލަވަންސު ގާނޫނާއި ހިލާފަށް މަދު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައެވެ.
ދައުލަތުގެ އިސް މަގާމުތަކުގެ މުސާރަތައް ކުޑަ ކުރުމަށް ރިޕޯޓު އެކުލަވާލީ މަޖްލިސްގެ މާލިއްޔަތު ކޮމެޓީންނެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސް ކުރި އިރު ރައީސުލް ޖުމްހުރިއްޔާގެ މުސާރައަކީ (ގާނޫނު ނަންބަރު 11/2009) ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނުން ލިބިދޭ މުސާރަ އާއި އެލަވެންސެކެވެ. މި ގާނޫނު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު 100,000 (އެއްލައްކަ) ރުފިޔާ އެވެ.
ގާނޫނަކުން ރައީސްގެ މުސާރަ ނިންމާފައިވަނިކޮށް އެގާނޫނަށް ބަދަލު ނުގެނެސް މަޖްލިސްގެ ކޮމެޓީއަކުން ނިންމާ ރިޕޯޓަކަށް ބިނާކޮށް ނިންމާ ނިންމުމަކުން ރައީސްގެ މުސާރަ އާއި އެލަވެންސް އުނި ނުކުރެވޭނެކަމަށް ބައެއް ގާނޫނީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރައީސުލް ޖުމްހުރިއްޔާގެ މުސާރަ އާއި އެލަވަންސް ކަނޑައަޅާފައިވަނީ ވަކި ގާނޫނަކުން ކަމަށް ވީހިނދު އެގާނޫނަށް ބަދަލު ނުގެނެސް ކޮމެޓީން ނިންމާ ނިންމުމަކުން ރައިސްގެ މުސާރަ ކުޑަ ނުކުރެވޭނެކަމަށެވެ.
"ފުރަތަމަ ޖެހޭނީ ގާނޫނު ބަދަލު ކުރަން، ވަކި ގާނޫނެއް ކަނޑައެޅިފައިވަނިކޮށް ގާނޫނަށް ބަދަލު ނުގެނެސް ރައީސްގެ މުސާރަ ބަދަލެެއް ނުކުރެވޭނެ"
އަލީ ވިދާޅުވިއެވެ.
ރައީސްގެ މުސާރަ އުނިކުރުމަށް މިއަދު މަޖްލިސް އިން ނިންމުމާއި ގުޅިގެން ކުރިއަށް އޮތް ތިން މަހު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ މަހަކު 65،000 ރުފިޔާއެވެ.