ކޯވިޑް-19 އަށް ރައްކާތެރިވުމަށް ބޮލީވިއާއިން ގަތް ވެންޓިލޭޓަރުތަކެއް ގަތުމުގައި ކޮރަޕްޝަންގެ ތުހުމަތުކޮށް އެގައުމުގެ ހެލްތް މިނިސްޓަރު މާސެލޯ ނަވާހަސް ހައްޔަރުކޮށްފިއެވެ.
އޭނާގެ އިތުރުން މިނިސްޓްރީގެ އިސް ދެ އޮފިޝަލަކު ހައްޔަރުކޮށްފައިވަނީ 179 ވެންޓިލޭޓަރު ގަތުމުގައި އާދަޔާ ޚިލާފަށް ބޮޑު އަގެއްގައި ގެނެފައިވުމުން، އެގައުމުގެ ވަގުތީ ރައީސްގެ އަމުރުގެ ދަށުން ހިންގި ތަހުގީގަކަށް ފަހުގައެވެ.
ސްޕެއިންގެ ކުންފުންޏަކުން ގަނެފައިވާ މިވެންޓިލޭޓަރުތައް ގަނެފައިވަނީ އެއްޗެއް 27،683 އެމެރިކާ ޑޮލަރުގެ މަގުންނެވެ. މުޅިއެކު 5 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއް ދައްކާފައިވާއިރު ފައިސާ ދެއްކީ އިންޓަ-އެމެރިކަން ޑެވެލޮޕްމެންޓް ބޭންކުން ފަންޑުކޮށްގެނެވެ.
ފަހުން އެނގިފައިވާ ގޮތުގައި ވެންޓިލޭޓަރު އުފެއްދި ކުންފުނިން ވަނީ 10،000 އާއި 11،000 ޑޮލަރުގެ އަގެއް ވެންޓިލޭޓަރަކަށް ހުށައަޅާފައެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ ބޭނުންކުރި ޑޮކްޓަރަކު އެ ވެންޓިލޭޓަރުތަކުގައި މައްސަލަ ހުރިކަން ފާހަގަކޮށް ހުށައެޅުމުން އިދާރާތަކުން ބެލި ބެލުމުންނެވެ.
ބޮލީވިއާގައި މިހާތަނަށް 4،500 ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވާއިރު 190 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. ކޮރޯނާ ވައިރަސް ހުއްޓުވުމަށް އެގައުމުން ވަނީ މިދިޔަ މާޗު 17 އިން ފެށިގެން ގައުމުގެ ބޯޑަރު ބަންދުކޮށް ލޮކްޑައުން ކޮށްފައެވެ.