Last Updated: January 27, 19:27
Monday, January 27, 2025
ޚަބަރު

އެންމެ އަވަހަށްވެސް ސްކޫލްތައް ހުޅުވޭނީ ކުރިއަށް އޮތް ބަންދަށްފަހު

ހެނދުނުގެ ނާސްތާ އެންމެ ފުރަތަމަ ދިން ދުވަހު ސްކޫލެއްގެ ދަރިވަރުން ނާސްތާއަށް ތައްޔާރުވެފައި -- ފޮޓޯ / އަވަސް

އެންމެ އަވަހަށްވެސް ސްކޫލްތައް ހުޅުވޭނީ ކުރިއަށް އޮތް ސްކޫލް ބަންދަށްފަހު ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ސްކޫލްތައް އަލުން ހުޅުވުމާއި ގުޅޭގޮތުން އެ ދާއިރާގެ ކަމާބެހޭ ފަރާތްތަކާއެކު އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާ ކުރަމުންދާ ކަމަށާއި ނަމަވެސް އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވޭނީ ކުރިއަށް އޮތް ސްކޫލް ބަންދަށްފަހު ކަމަށެވެ.

އަދި ސްކޫލްތައް ހުޅުވޭނެ ތާރީހެއް ރަސްމީކޮށް ކަނޑައަޅާނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހާލަތަށް ބެލުމަށްފަހު ކަމަށާއި އެގޮތުން ސްކޫލްތައް ހުޅުވުމާއި ގުޅޭގޮތުން ތިން ސިނާރިއޯ އަކަށް ބެލިގެން ޕްލޭންތައް ހެދިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އޭގެއިން ކޮން ޕްލޭނެއްތޯ ތަންފީޒުކުރާނީ ނިންމާނީ ސިއްހީ ހިދުމަތްތެރިންނާއި ޓެގް ޓީމުގެ ފަރާތުން އަރުވާ ލަފަޔަކާ އެއްގޮތަށް ކަމަށް" އެޑިއުކޭޝަން މިނިސްޓަރާއި ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

ސްކޫލްތައް ބަންދުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ މިދިޔަ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ.

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ސަރުކާރުން ތައްޔާރުވަމުން އަންނައިރު މާދަމާގެ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން މިހާރު ވަނީ ނިންމާފައެވެ.