ކޮވިޑް-19 އަށް ފަހު ރާއްޖެ ނިއު ނޯމަލްގައި ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ޓޫރިޒަމް ގައިޑްލައިންގައި ހިމެނި ފީތައް ނުނަގަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ސޭފް ޓޫރިޒަމް ގައިޑްލައިންގައި ވަނީ ރާއްޖެ ޓޫރިޒަމަށް ހުޅުވާލާއިރު ބޮޑެތި ފީތަކެއް ނެގުމަށް ހިމަނާފައެވެ. މިކަމާއި ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގައިޑްލައިންގައި ހިމެނޭ ފީތައް ކަނޑާލާފައިވަނީ އިންޑަސްޓްރީގެ އިސްވެރިންނާއި އެކު މިނިސްޓްރީން ފާއިތުވި ދުވަސްތަކުގައި ބޭއްވި ބައްދަލުވުން ތަކަށް ފަހުއެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އިސް ސްޓޭކްހޯލްޑަރުންގެ ތެރޭގައި ހިމެނޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި އެމްއޭސީއެލް އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެމްއެމްޕީއާރުސީން ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެކު ބައްލުވުމެއްް ބާއްވައި އެފަރާތްތަކުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އަދި ޑްރާފްޓަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅާފައެވެ.
ރޭގފެ ބައްދަލުވުމަށް ފަހު ޓޫރިޒަމް މިނިސްޓްރީން ބުނީ ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފައިނަލް ޑްރާފްޓެއް އަންނަ ޖޫން 1 ވަނަ ދުވަހުގެ ކުރިން އާއްމު ކުރާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ޑްރާފުޓުގައި ވަނީ ރާއްޖެއަށް އަންނަ ޕްރައިވެޓު ޖެޓުތަކުން ލޭންޑިން ފީގެ ގޮތުގައި 50،000 ޑޮލަރު އަދި ރާއްޖެ ވަންނަ ސުޕަ ޔޮޓްތަކުން 10،000 ޑޮލަރު ނެގުމަށެވެ. އަދި ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސްގެ ގޮތުގައި 50،000 ޑޮލަރު ދެއްކުމަށެވެ. މީގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިން މަދުވެގެން 14 ދުވަހުގެ ޗުއްޓީ ބުކް ކުރުމަށާއި، ކޮންމެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 100 ޑޮލަރު ނެގުމަށެވެ.
މުޅި ދުނިޔޭގެ ފަތުރުވެރިކަން ވަޅު ޖެހިފައިވާ މިވަގުތު ބޮޑު އަގުތަކެއް ނަގާތީ ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސޭފް ޓޫރިޒަމް ގައިޑްލައިން އެކުލަވާލުމުގައި އިންޑަސްޓްރީގެ އިސް ފަރާތްތަކުގެ ބަހެއް ހޯދާފައިނުވާތީ އެފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.