(އޮގަސްޓް 7، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)
ހީނާ އުނައިސްގެ ތަނަވަސް މޭގައި ބޯ އަޅާލި އެވެ. އެއީ އެ ދެ މީހުންނަށް ވެސް އައި އުފާވެރި ވަގުތު ކޮޅެކެވެ. އުނައިސް ހީނާ އާ ކިސްކޮށްލި އެވެ. ހީނާ ލަދުން އުނައިސް އާ ދުރަށް ޖެހިލި އެވެ.
އުނައިސް ބައްޕަގެ ފެކްޓަރީގެ މަސައްކަތް ކުރަމުން ދިޔަ އެވެ. ބައްޕަ އެދިލެއްވި ފަދައިން އޭނާ މަސައްކަތް ފެށީ ފެކްޓަރީގެ އެންމެ ތިރީ ހަރުފަތުންނެވެ. މުވައްޒަފުން ތެދުވެރިކަމާ އެކު މަސައްކަތް ކުރާ ގޮތާއި މަސައްކަތަށް މަކަރު ހަދާ މުވައްޒަފުން އޭނާ އަށް ފެނުނެވެ.
އަސްލަމް އޭނާގެ އެކުވެރި މީހުންކޮޅެއް ގޮވައިގެން ތާސް ކުޅެން އިނެވެ. އުނައިސް އެ މީހުން ކައިރިއަށް ގޮސް ބަލަން އިރުކޮޅަކު ހުރެފައި ސުވާލު ކުރަން ފެށި އެވެ.
"މި ގަޑީގަ ތީ ކޮން ކަމެެއް؟"
"ކަލެޔަކަށް ނުފެނޭތަ ތާސް ކުޅެނީނު ހެއްހެއްހެއް." އަސްލަމް ނުހަނު އަދަބު ކުޑަ ގޮތަކަށް ޖަވާބު ދީފައި ހެމުން ދިޔަ އެވެ.
"ކަލެއަށް މުސާރަ ލިބެނީ ތި ކަންތައް ކޮށްގެންތަ؟"
"އަހަރެންނަކީ ޒުވާނެއް. އަހަރެން މަސައްކަތާ ކުޅިވަރު ދެބައި ގެންގުޅެން." ފަރުވާ ކުޑަ ގޮތަކަށް އަސްލަމް ބުންޏެވެ.
"ކަލޭ ވާން ޖެހޭނީ އެންމެންނަށް ނަމޫނާ އަކަށް ނޫންތަ؟"
"އަހަރެން މި އޮފީހުގަ ކަލެ އަށް ވުރެ ސީނިއަވާނެ. މަ އުޅެންވާ ގޮތެއް ކަލެއަކަށް ކިޔައެއް ނުދެވޭނެ."
"އެކަމަކު ކަލެއަށް ނުފެނޭތަ އެހެން މީހުން ބުރަކޮށް މަސައްކަތް ކުރަމުންދާ މަންޒަރު." ވަަރަށް ހިތްހަމަނުޖެހިފައި އުނެއިސް ބުންޏެވެ. "ހަމަ މިހާރު ހުއްޓާލާ ތާސް ކުޅުން."
އަދި އޭނާ ތާސްބައިގެ ގަނޑުތައް ނަގައި ހޫރާލި އެވެ. ދެނަކާ ދެނެއް ނެތެވެ. ދެން ފެށުނީ ބޮޑު ތަޅާލުމެކެވެ. ހަމަ އެ ވަގުތަކީ ސަލީމް ވެސް އެތަނަށް ފައިލްތަކެއް ހިފައިގެން އައި ވަގުތެވެ.
"އަނހަ…ކީއް މި ވަނީ އަސްލަމް ދޫކޮށްލާ…" ސަލީމް ހަޅޭއް ލަވައިގަތެވެ.
"ކީއްވެ ދޫކުރަންވީ އެންމެ ފުރަތަމަ ގަޔަށް ބޮލަޑް އެރީ އޭނަ."
"އަސްލަމް ކަލެއަކަށް ފަހެ ނެނގޭތަ މިއީ އަހަރެމެންގެ ވެރިޔާގެ ދަރިފުޅު ކަމެއް؟"
"ވެރިކަން އޭނަަ އަށް އޮންނާނީ އޭނާގެ ގޭގަ. މިތަނުގަ އޭނަ އަށް ވުރެ ސިިނިއަ މީހަކީ މަ."
"އެކަމަކު ތިއީ ރަނގަޅު ގޮތެއްތަ؟ ޑިޔުޓީގަޑީގަ ގުރޫޕް ހަދާލައިގެން ތާސް ކުޅުން. މިއީ ތަ މީހުންނަށް ކަލޭ ދަސްކޮށްދޭ ފިލާވަޅަކީ؟"
"އެންމެ ރަނގަޅު އަހަރެމެން މުޅި ދުވާލު މަސައްކަތް ކުރަނީ ހަމައެކަނި އަށް ގަޑި އިރަކު ނޫން. ޑިޔުޓީ ނޫން ގަޑިތަކުގަ ވެސް މަސައްކަތްކޮށްފަ ހުންނާނެ. އަދި ގަނޑެއް ޖަހާލުމަކުން މީނަ ނުޖެހޭނެ ދޯ ގަޔަށް އަރާކަށް." އަސްލަމް ވެސް މައިތިރިއެއް ނުވެ އެވެ. "މީނަ އަށް މަސައްކަތް ކުރަންވީ ގޮތް ކިޔައި ދޭންވީ. ސަލީމް ކަލޭ ދުރަށް ދޭ. މިކަހަލަ މީހުން ހަމަޔަށް އަޅުވަން މަށަށް އެނގޭނެ. ނިމުނީ…ނިކަން ކަލޭ ގައިގަ އަތްލަބަލަ އަތްފެޅިވަޅުން ބުރިކޮށްލާނަން. ކަލެއަށް އަސްލަމް ނޭނގިގެން ތިޔަ ފުއްޕަނީ"
"އުނައިސް މާތްﷲ އަށްޓަކައި މިތާ މައްސަލަ ބޮޑު ނުކޮށް މިތަން ދާން ހިނގާ."
އެ ވަގުތު ފުލުހުން ވެސް އައިސް އެ މީހުން މަސަލަސް ކުރަން ފެށި އެވެ ހަމައެވަގުތު މި ހަބަރު ލިބިގެން ޔޫނުސް ވެސް އެ ތަނަށް ދުރުވެއްޖެ އެވެ.
"އުނައިސް ހަމަ މިހާރު އާދޭ އަހަރެންގެ ކެބިން އަށް." ހަރުކަށި ކަމާއެކު ޔޫނުސް މިހެން ބުނެފައި ދިޔައީ އެވެ. ލެއާ ތަތްތެޅިފައި އިން އަސްލަމް ރޮމުން ސިފައިންގެ މީހުން ކައިރީ ވާހަކަ ދަކަމުން ދިޔަ އެވެ.
އުނައިސް އާއި ސަލީމް އެކުގައި ގޮސް ޔޫނުސް ގެ ކެބިން އަށް ވަނެވެ.
"އުނައިސް އަހަރެން ކަލޭ އެ ތަނަށް ފޮނުވީ މަސައްކަތުގެ ތަޖުރިބާ ހޯދަން ތަޅާފޮޮޅާކަށް ނޫން."
"އެކަމަކު ބައްޕާ އަސްލަމް ޑިޔުޓީ ގަޑީގަ ތާސް ކުޅެން އިނީމަ އަޅުގަނޑު ރުޅި އައީ." އިސް ޖަހާލައިގެން ހުރެ އުނެއިސް ބުންޏެވެ.
"އެކަހަލަ ކުދިކުދި ކަންތައްތައް ބޮޑު ކަމަކަށް ހަދަން އަހަރެން ބޭނުމެއް ނޫން."
"ތީގެ މާނައަކީ ބައްޕަައަށް އެނގިލައްވައޭ ދެއްތޯ އެ ގޮތަށް އެކަން ހިނގަމުން ދާކަން؟"
"އާނ އަހަރެންނަށް އޮޅިފަކާ ނެތް ތި ކަމެއް."
"އެންމެ ހަތަރު މީހުންނަށް ކީއް ކުރަން ކޮމްޕެނީގެ އެންމެންނަށް ޑިއުޓީގަ ތާސް ކުޅެން ހުއްދަ ދެއްވާ."
"އުނައިސް ބައްޕަ ކުރިމަތީ ވާހަކަ ނުދައްކާ ހިމޭންވޭ." ސަލީމް ބުނެލި އެވެ.
"އުނައިސް ތަނުގެ ހަމަޖެހުން މިއީ. އަހަރެން ބޭނުންވާ ގޮތް. އެއްގޮތަކަށް ވެސް ފުލުހުން މިތަނަށް ގެނެސް ބޮޑު ކަންތައް ގަނޑަކަށް ހަދާކަށް ބޭނުމެއް ނޫން. މައްސަލައެއް އޮތިއްޔާ އޭނަ ވަކިން ގެނެސްގެން ވާހަކަ ދެއްކި ނަމަ ދަރިފުޅުގެ ގަދަރު ވެސް އޮތީސް. މިހާރު މި ވީގޮތް ބަލާބަލަ."
"ބައްޕާ އަހަރެން ގަބޫލް ކުރާ ގޮތުގައި ފައިސާ ހޯދަން ޖެހޭނީ ބުރަ މަސައްކަތްކޮށްގެން. ހައްގު ގޮތުގަ. އޮފީސްތެރޭ ކުޅިވަރު ކުޅެގެނެއް ނޫން."
"އެކަމަކު ދަރިފުޅާ މީހުން ލައްވާ މަސައްކަތް ކުރެވޭނީ އޯގާތެރިވެގެން. އެ މީހުން ވެސް ހިތްހަމަޖައްސައި ދީގެން. ދޭ ހަމަ މިހާރު ގޮސް އޭނަ ކައިރިން މާފަށް އެދޭ. މި ނޫން ގޮތެއް ނެތް." ވަރަށް ހަރުކަށިކޮށް ޔޫނުސް ބުންޏެވެ.
ޔޫނުސް މިހެން ބުނުމާއެކު އުނައިސް ތެދުވެގެން އަސްލަމާއި އެހެން މުވައްޒަފުން އެއްކޮށްގެން ތިބި ތަނަށް ދިޔަ އެވެ.
"އައި އޭމް ސޮރީ."
"އޭނާ އިނގިރޭސިން އެބުނި އެތި ކަލޭމެނަށް އެނގިއްޖެތަ؟ ހަމަ ގައިމު މަށަކަށް ނޭނގުނު. މަށަށް އިނގިރޭސި އެނގޭ ނަމަ މަ ހުންނާނީ ވެސް ޑައިރެކްޓަރަކަށްނު މި ކުންފުނީގެ."
"އައި އޭމް ސޮރީ." އަނެއްކާ ވެސް އުނައިސް ތަކުރާރު ކުރި އެވެ.
"އޭނާ ކައިރި ބުނޭ ދިވެހި ބަހުން މަށާ ވާހަކަ ދައްކާށޭ. މަވެސް މި ދައްކަނި ދިވެހި ބަހުންނެއް ނޫންތަ؟"
"އަހަރެންނަށް މާފު ކުރޭ އަސްލަމް" އަނެއްކާ ވެސް އުނައިސް ބުންޏެވެ.
"ވާހް…ކޮން ކަހަލަ އަދާއެއް… ކަލޭމެންނަށް އަޑުއިވުނުތަ؟" ފަހުރުވެރިކަމާ އެކު އަސްލަމް އަޑުގެ ކޮޅަށް ހީގަތެވެ.
(ނުނިމޭ)