Last Updated: November 26, 19:16
Tuesday, November 26, 2024
ޚަބަރު

އެމްއެމްޕީއާރްސީ ތަހުގީގު ގޮސްފައިވާ ހިސާބެއް ހޯދުމަށް މަޖިލީހަށް ހުށަހަޅައިފި

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގުގެ މައްސަލަ ގޮސްފައިވާ ހިސާބެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައަކީ އެމްޑީޕީގެވެސް އަދި ސަރުކާރުވެސް ވައުދެއް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުންނަށް ރައްޔިތުން ވޯޓު ދިނީވެސް އެ ސަބަބާއި ހުރެ ކަމަށެވެ.

އެ މައްސަލައިގެ އިތުރުން ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކަކީ، އެކަމުގައި އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ މައްސަލަތަކުގެ ތަހުގީގުތަކާއި، ނުވަތަ ދައުުވާ އުފުލުމާއި އަދި ޝަރީއަތްތައް ހިނގާގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުން މަދުކަމަށް ވެސް މުއިއްޒުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އަދި އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަތައް ބެލުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތައް ބެލުމާއި، ދައުވާ އުފުލުން ނުވަތަ ޝަރީއަތް ހިންގުން ލަސްވުމަށް ހުރި ސަބަބުތަކަކާއި، ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން، ނަތީޖާ ނެރެވޭނެ ފަދައިން އެ މައްސަލަތަކާމެދު އަމަލުކުރަމުން ދޭތޯ ޔަގީންކުރުމަށް ބޭނުންވާ ކަމަށް މުއިއްޒުގެ ސިޓީގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން އެކަންކަން ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލާގައި [އެމްއެމްޕީއާރްސީ] މައްސަލާގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖަލަށް ލެވުނެވެ. ނަމަވެސް މި ސަރުކާރު އައިފަހުން އެ މީހުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި އެމްއެމްޕީއާރްސީ ތަހުގީގުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި މައްސަލާގައި މިހާރު ހުކުމެއް އައިސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. އެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހުމަކީ އިންސާފު ނޫން ކަމަށް، ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.