Last Updated: November 26, 19:16
Tuesday, November 26, 2024
ޚަބަރު

އައްޑޫސިޓީގައި ފަގީރުންގެ ގޮތުގައި 1031 މީހަކު، އެންމެ ފަގީރުން ގިނައީ ހިތަދޫގައި

އައްޑޫސިޓީ ކައުންސިލް އިދާރާ --

އައްޑޫސިޓީގައި މިއަހަރު ފަގީރުންގެ ގޮތުގައި 1031 މީހަކު ރަޖިސްޓްރީވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އޭގެ ހައްގުވެރިންނަށް ބަހާ ނިންމާފައިވާ ކަމަށެވެ. މިއަހަރު އައްޑޫ ސިޓީން ޒަކާތް ދައްކާފައި ވަނީ 12،494 މީހުންނެވެ. ޒަކާތުގެ ގޮތުގައި 349،079.37 ލިބިފައިވެއެވެ.

އެންމެ ގިނަ ފަގީރުން ރަޖިސްޓްރީކޮށްފައި ވަނީ ހިތަދޫންނެވެ. ހިތަދޫ އިން ފަގީރުންގެ ގޮތުގައި 541 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. ހިތަދޫގައި ފަގީރުންގެ ބޮލަކަށް 337.21 ރުފިޔާ ލިބިފައިވެއެވެ. އެ އަވަށުން 6348 މީހަކު ވަނީ ޒަކާތުގެ ގޮތުގައި 182،430.61 ރުފިޔާ ދައްކައިފައެވެ.

ފޭދޫ އިން 2118 މީހަކު ޒަކާތުގެ ގޮތުގައި 63132.69 ރުފިޔާ ވަނީ ދައްކާފައެވެ. ޒަކާތުގެ ގޮތުގައި މަރަދޫ އިން ލިބުނު 42403.68 ރުފިޔާ، އެ އަވަށުގައި ރަޖިސްޓްރީވެފައި ތިބި 72 ފަގީރުންނަށް ބެހެމުން ބޮލަކަށް ޖެހިފައި ވަނީ 588.94 ރުފިޔާއެވެ. ޒަކާތުގެ ގޮތުގައި މީދޫ އިން 24783 ރުފިޔާ ވަނީ ދައްކާފައެވެ. އެއީ 1074 މީހެކެވެ. ފަގީރުންގެ ގޮތުގައި މީދޫގައި 109 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު ބޮލަކަށް ޖެހެނީ 227.37 ރުފިޔާއެވެ.

މަރަދޫފޭދޫ އިން 840 މީހަކު ޒަކާތުގެ ގޮތުގައި 21494.39 ރުފިޔާ ވަނީ ދައްކާފައެވެ. އެ އަވަށުން 62 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވާއިރު ބޮލަކަށް ޖެހިފައި ވަނީ 341.18 ރުފިޔާއެވެ. ހުޅުދޫގައި 136 ފަގީރުން ރަޖިސްޓްރީ ކޮށްފައިވެއެވެ. 560 މީހަކު ޒަކާތް ދައްކާފައިވާއިރު 14835 ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައެވެ.

މިދިޔަ އަހަރު އައްޑޫގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ތިބީ 893 މީހުންނެވެ.