Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

ބަންދުގައި ތިބި 30 މީހަކު ޝަރުތުތަކާއި އެކު ބަންދުން ދޫކޮށްލުމަށް އެދިއްޖެ

މާފުށީ ޖަލު-- ފޮޓޯ: ވީނިއުސް

ޖަލުތަކުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ ތެރެއިން 30 މީހަކު ޝަރުތުތަކާއި އެކު ބަންދުން ވީއްލުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގައި އެދިއްޖެއެވެ.

ޕީޖީ އޮފީހުން ބުނީ ރާއްޖޭގެ ޖަތަކުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކޮށް، އޭގެ ތެރެއިން އެއްވެސް ގޮތަކުން ލުޔެއް ދެވެން ހުރި މީހުންނަށް ލުޔެއް ދެއްވުން އެދި ހޯމް މިނިސްޓްރީން ޕީޖީ އަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. 

އެސިޓީއާ ގުޅިގެން މިވަގުތު ބަންދުގައި ތިބި އެންމެންގެ މައްސަލަތައް އަލުން ބަލައި، އޭގެތެރެއިން ކުޑަކުދިންނާމެދު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި، މަސްތުވާތަކެތީގެ ނެޓްވޯކުތަކަށް ނިސްބަތްވާ މީހުންނާއި، މީހުން މެރުމާއި ނުރައްކާތެރި މާރާމާތީތަކާއި ގޭންގު ކުށްތަކުގައި ހިމެނޭ މީހުން ފިޔަވައި، އެހެނިހެން މީހުންގެ ބަންދަށް ބަދަލު ގެނެވޭތޯ ބަލާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ. އެމަސައްކަތް ކުރިއަށް ގެންދިއުމަށްފަހު ތިރީހަކަށް މީހުން، ޝަރުތާއެކު ބަންދުން ވީއްލުމަށް ކޯޓުގައި އެދިފައިވާނެ، ކަމަށްވެސް ޕީޖީން ބުނެއެވެ.

ޕީޖީން ބުނީ އެއްވެސް މީހަކު ބަންދުން އެއްކޮށް ދޫކޮށްފާ ނުވާނެ ކަމަށެވެ. ބަންދުން ދޫކޮށްލާފައި ވާނީ ޝަރުތުތަކާއި އެކު ކަމަށާއި އެގޮތުން މާލެއިން ފުރައިގެން ނުދިއުމާއި، ކޯޓަށް ހާޒިރުވުމާއި، އިތުރު ކުށެއް ނުކުރުން ޝަރުތުތަކުގެ ތެރޭގައި އޮންނާނެ ކަމަށެވެ. އެއިން މީހަކު އިތުރު ކުށެއްގައި ތުހުމަތު ވެގެން ހައްޔަރު ކޮށްފިނަމަ، އަލުން ބަންދަށް ގެންދެވޭނެ ކަމަށެވެ.