Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 8، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"އާނ އަހަރެން މީނައަށް އަނިޔާ ކުރިން. އެކަމަކު މިހާރު އަހަރެންނަަށް ކުރެވުނީ ކަޑަކަމެއް. އަހަރެންނަށް މާފު ކުރޭ އަސްލަމް." މިހެން ބުނެލާފައި އުނައިސް ދިޔައީ ޔޫނުސްގެ ކެބިންއަށެވެ. ގިނަ މީހުންނަށް އަސްލަމްގެ އެ ގޮތް ކަމަކު ނުދިޔަ އެވެ. އެ މީހުން ވެސް އެތަން ދޫކޮށް ދިޔައީ އެވެ.

"ބައްޕާ ހަޔާތުގަ ފުރަތަމަ ފަހަރަށް ބައްޕަގެ އުފަލަށްޓަކައި ނުބައި މީހެއްގެ ފަރާތުން މާފަށް އެދެވިއްޖެ. ބައްޕަ އަޅުގަޑަށް ވުރެ އެކްސްޕީރިއަންސް ހުންނާނެ. އެކަމަކު ބައްޕަގެ އުސޫލް ތިއީ އަޅުގަނޑުގެ ބުއްދި ގަބޫލް ކުރާ އުސޫލެއް ނޫން. އެހެންވެ އަޅުގަނޑަށް ރަނގަޅީ ކުރިން ވެސް އަޅުގަނޑު ބުނިހެން އަޅުގަނޑުގެ ވިޔަފާރި ވަކިން ކުރުން ބައްޕަގެ އިއުތިރާޒެއް ނެތީއްޔާ. އަޅުގަނޑުގެ ބިޒްނަސް އަށް އަޅުގަނޑު ބޭނުން ވަނީ އިލްމުވެރިން ހަމަ ތާކުން ފެންނަ މީހުންނެއް ނޫން."

"ދަރިފުޅާ…ދަރިފުޅަށް ވެސް އެނގޭނެ އޮޑިއަކަށް އެރީމާ އެ އޮޑީގަ ހުރި ވަރު. ތިކަމުގަ ދަރިފުޅު އަމިއްލައަށް ގޮތް ހޯދާ ބައްޕަގެ މައްސަލައެއް ނެތް."

"ތީގެ މާނައަކީ ބައްޕަ އަޅުގަނޑަށް ކެޕިޓަލެއްވެސް ނުދެއްވަނަމޭތޯ. އޯކޭ އަޅުގަނޑު އަމިއްލަައަށް ގޮތެއް ހޯދަފާނަން." މިހެން ބުނެލުމަށް ފަހު އުނައިސް އޮފީހުން ނިކުމެގެން ދިޔައީ އެވެ.

ޖެހިގެން އައި ދުވަހެވެ. ރަހްމާނު ވަރަށް ރުޅިގަދަވެގެން ނޫސް ހިފައިގެން ޔޫނުސް ގެ އޮފީހަށް ވަނެވެ. އަދި ހަޅޭއްލަވަން ފެށި އެވެ.
"ޅިޔަނާ އަހަރެމެން މުޅިންހަލާކުވެގެން މިދަނީ ނިކަން ބަލާބަލަ މިއޮތް އެއްޗެއް؟"

"ރަހްމާން ބޭބެ ވީ ގޮތެއް ނިކަން ބުނެބަލަ. އިހަށް ތީތި ބައްޕައަށް ނުދައްކަވާ."

"ކޯއްޗެއްތަ މަށަށް ނުދައްކަންވީ…ދައްކަބަލަ." ޔޫނުސް އޭނަގެ ކެބިން އިން ނިކުމެ ރަހްމާނުގެ އަތުގައި އޮތް ނޫސް ޖަހައިގަތެވެ.

"ސަލީމް ޅިޔަންބެ އަށް މީތި ނުދައްކަން ޖެހޭ އެއްވެސް ސަބަބެއް ނެތް." ނޫސް ޔޫނުސް އަތަށް ދޫކޮށް ލަމުން ރަހްމާނު ބުންޏެވެ.

"އުނައިސް މި އޮތީ ސުޕޮންސަ ހޯދަން ހަވީރު ނޫހުގަ ޖަހާފަ."

ޔޫނުސް ނޫސް ހިފައިގެން ގެއަށް ދިޔައެވެ. އަދި އުނައިސް ކޮމްޕިޔުޓަރު ކައިރި އިންދާ ނޫސް އޭނާގެ ކުރިމައްޗަށް ޖަހާލި އެވެ.

"މީ ކޯއްޗެއް…ތި ބިޒްނަސް ފައްޓަން ބޭނުމީ ކިހާ ވަރެއް…ލައްކަ ދެ ލައްކަ މިލިޔަން ދެ މިލިޔަން.. އަން މިއޮތީ ޗެކްފޮތް ބޭނުން އަދަދެއް ޖަހާ. އަދި ބެންކުން ފައިސާ ނަގާ." ޔޫނުސް ޗެކްފޮތް ވެސް އުނައިސް އާ ދިމާލަށް އެއްލި އެވެ.

"ބައްޕާ…އަން މި ގެންދޭ. ސްޕޮންސަ ހޯދުމަކީ ވެސް ބިޒްނަސްއެކޭ. އަޅުގަނޑު އެ މީހުންގެ ބިޒްނަސް ކުރިއަރުވާ މަޝްހޫރު ކުރާނީ. ބަދަލުގަ އެ މީހުން އަޅުގަނޑުމެންނަށް ފައިސާ ދޭނެ. ބައްޕާ މި ވެސް ބިޒްނަސްއޭ. ބައްޕަ މެންނަށް އާ ވިޔަސް ދުނިޔޭގެ ކޮންމެ ތާކު ވެސް ބިޒްނަސް ކުރަނީ މިގޮތަށް. ބައްޕަ މި ޗެކް އަނބުރާ ގެންދޭ އަހަރެން ބޭނުމީ އަމިއްލަ ވަންތަކަން."

"ކޮންމެ ގޮތެއް ވިޔަސް މިހާރު އަހަރެންގެ ގަދަރު މި ސޮސައިޓީގަ ވެއްޓި ނިމިއްޖެ" މިހެން ބުނެލާފައި ޔޫނުސް އެތަނުން ދިޔައީ އެވެ. އެވަގުތު ސަލީމް އެތެރޭ މަޑުކޮށްލާފައި ގޮނޑިޔެއް ދަމާލައިގެން އިށީނެވެ.

"ޅިޔަން ކޮއްކޯ ބައްޕަ އެ ދުރުވީ އިންތިހާ އަށް ދެރަފުޅުވެގެން. ބައްޕަ ދެއްވާ ފައިސާ ހޯދާ އަދި ތިޔަ ސްޕޮންސަ ހުއްޓާލާ. ތިޔައީ ހަމަ ސަލާމް ޖެހުން ކަހަލަ ކަމެއް."

"ސަލީމް މި ތަނުން ދޭ. އަހަރެން ބޭނުން ވަނީ އެކަނިވެރި ވަގުތު ކޮޅެއް؟"

"ތި ސްޕޮންސަ ސިޓިތައް ދެއްވާ އަޅުގަނޑު އަތަށް. އަޅުގަނޑު ތިޔަ ތަންތަނަށް ގުޅާފަ އެމީހުން ހުއްޓުވަފާނަން. އެހެން ނޫނަސް ތީ މި ކުންފުނީގެ ވެރިޔާ. މި ފައިސާ ބޭނުން ކުރާކަށް ލަދު ގަންނާކަށް ނުޖެހޭނެ." ސަލީމް ހުއްޓާ ނުލައި ވާހަކަ ދައްކަމުން ދިޔައެވެ. އުނައިސް އެއްވެސް ޖަވާބެއް ނުދިނެވެ.

"ޕްލީސް ސަލީމް. އަހަރެން މި ވަގުތު މިހިރީ އެއްވެސް ވާހަކައެއް އަޑުއަހާ މޫޑެއްގައެއް ނޫން."

"ނޫން އަހަރެން އުނައިސް އެކަނި ދޫކޮށްނުލާނަން."

"ޖަސްޓް ގެޓައުޓް އިނގޭ" އުނައިސް ރުޅިގަދަވެގެން އެންމެ ފަހުން ހަޅޭއް ލަވައިގަތެވެ. ސަލީމް ބިރުން ނިކުމެގެން ދިޔައީ ސީދާ ނީލާ ކާރިއަށެވެ.

"ނީލާ ހަމަ މިހާރު އަހަރެންގެ ފޮށި ތައްޔާރުކޮށްދީ. ދެން އެންމެ މިނެޓަކު ސް މި ގެއަކު އަހަރެން ނުހުންނާނަން."

"ސަލީމް ކިހިނެއް ވީތަ؟ ކޮން ކަމަކާތަ މާ ހިތްނު ތަނަވަސްވެގެން ތި އުޅެނީ…ކިހިނެއްތަ މި ވަނީ ވާހަކަ ދައްކަބަލަ."

(ނުނިމޭ)