ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އެެޅި ފިޔަވަޅުތައް ކާމިޔާބު ކަމަށާއި، މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ލުއިތަކެއް ދިނުމުން ކޭސް އިތުރުވި ނަމަވެސް ފަރުވާ ދެބޭނެ ގާބިލްކަން ހުރި ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ހެޑް ޑރ. ޢަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅޭ ގޮތުން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ބޭއްވުމާއި މެދު ލުއިތަކެއް ދިނުމަށް ރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯއީސީ)ގައި ބޭއްވި ނޫސް ކޮންފަރެންސްގައި އަލީ ލަޠީފު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް އެޅުނު ފިޔަވަޅުތައް ކާމިޔާބު ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން ބަލި ފެތުރޭ ނިސްބަތް މަދު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށެވެ.
ލަޠީފު ވިދާޅުވީ ބަންދަށް ލުއިތަކެއް ދިނުމަކީ ބަލި ރާއްޖެއިން ފިލައިގެން ދިޔައީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އަދި ސިއްހީ މާހިރުން ދެމުންދާ އިރުޝާދުތަކާއި އެއް ގޮތަށް އަމަލު ކުރުމަށް ލަޠީފު ވިދާޅުވިއެވެ.
ލަޠީފު ވިދާޅުވީ ބަންދަށް ލުއިތަކެއް ދިނުމުން ކޭސްތައް އިތުރުވާ ނަމަ އަލުން ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެކަށެވެ.
ލަޠީފު ވިދާޅުވީ ބަންދަށް ލުއިތަކެއް ދިނުމުން ކޭސް އިތުރުވި ނަމަވެސް ފަރުވާ ދިނުމުގައި މިހާރު ކަންބޮޑުވުމެއް ނެތްކަމަށެވެ.
"އަޅުގަނޑުމެން ފަށައިގެން އިރު ސީދާ ކޯވިޑަށް ޚާއްސަ ފަރުވާދޭ ހޮސްޕިޓަލެއް ނެތް. އެެހެންނަމަވެސް މިހާރު ސީދާ ފަރުވާ ދިނުމަށް ހުޅުމާލެ މެޑިކަލް ފެސިލިޓީވަނީ ތައްޔާރުވެފައި. އަދި ޓްރީ ޓޮޕް ހޮސްޕިަޓަލު އެބަހުރި މިބައްޔަށް ފަރުވާދިނުމަށް ތައްޔާރުވެފައި. މި ދެތަން އެއްވީމަ ގާތްގަނޑަކަށް 300 އަށްވުރެ ގިނަ އެނދުވަނީ ލިބިފައި" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
މިދިޔަ ދެ ހަފްތާގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދުވުމާއި ގުޅިގެން އެޗްޕީއޭއިން މިވަނީ މާލެ ސަރަހައްދުގެ ލޮކް ޑައުންއަށް ލުއިތަކެއް ދީފައެވެ. އެގޮތުން ބައެެއް ފިހާރަތައް ހުޅުވުމާއި އަމިއްލަ އޮފީސްތައް ހުޅުވުމުގެ ހުއްދަވަނީ ދީފައެވެ.