Last Updated: November 26, 17:50
Tuesday, November 26, 2024
ޚަބަރު

ބޮންޑޭގެ ބަހުގެ ހަމަލާތަކެއް އެމްޑީޕީގެ ޕީޖީ ގްރޫޕަށް!

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ/ މަޖިލިސް

ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ ބަހުގެ ހަމަލާތަކެއް އެޕާޓީގެ ޕީޖީ ގްރޫޕަށް އަމާޒު ކުރައްވައިފިއެވެ. މިއީ މިފަހަކުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރަކު އެޕާޓީގެ މެންބަރުންނާއި ދިމާލަށް ފާޅުގައި ނަންވެސް ބޭނުން ކޮށްގެން ފާޑު ވިދާޅުވި އަދި ބަހުގެ ހަމަލާތައް ރައްދު ކުރި ފުރަތަމަ ފަހަރެވެ.

ރޭ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ މީގެކުރިން ދުވަހަކުވެސް އެޕާޓީން ނިންމާފައި ނުވާ ވަރުގެ ގޯސް ނިންމުމެއް ކަމަށެވެ. އަދި އެޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރުންނަށް ދުވަހަކުވެސް ނުފޫޒު ފޯރާފައި ނުވާ ކަމަށާއި ނަމަވެސް މިހާރު އެޕާޓީގެ ޕީޖީ ގްރޫޕުން މެންބަރުންނަށް ނުފޫޒު ފޯރުވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"“ޕާލަމެންޓްރީ ގްރޫޕުގައި ބަހުސް ކުރާއިރު، ވަރަށް ނޭނގާނީ ވަރަށް ހުދުމުހުތާރު ކަންތައްތައް އެބަ ނިންމާ. މިއީ [އަޅުގަނޑުމެންނަކީ] ރައްޔިތުންގެ ވަކީލުން. ރައްޔިތުންގެ މަޖިލިހަށް ފޮނުވާ ބިލެއް، އުނިއިތުރު ނުގެންނަން ވިޕްލައިނެއް ނެރެފަ، މިއޭ ކަންކުރަންޖެހޭ ގޮތަކީއޭ ބުނެ ކަންކުރުމަކީ ވަރަށް ހުދުމުހުތާރު ގޮތެއް،” ބޮންޑޭ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުމަށް އަމަލު ނުކުރައްވާ ކަމަށް އިމްތިޔާޒު ފަހުމީ ވިދާޅުވުމުން، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެ ދަރަޖައަށް ކަންކަން ދިޔައީ ޕީޖީ ގްރޫޕުގައި ނޭއްގާނީ ކަންކަން ހިނގާތީ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

"ރޭގަ [އަންގާރަ ދުވަހުގެރޭ] ހުށަހަޅާފަ އޮތީ، ޔައުގޫބު ހުށަހަޅައި، ރޮޒޭނާ އާދަމް ތާއިދުކޮށްފަ އެ އޮތީ ދުވަހަކު ވެސް ޕާލަމެންޓްރީ ގްރޫޕުގައި ނުކުރާފަދަ ނުބައި ކަމެއްކޮށްފަ އެ އޮތީ" ބޮންޑޭ ވިދާޅުވިއެވެ.