ގާނޫނުއަސާސީ އަށް އިސްލާހު ގެނެސްގެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ނުދެއްވި ހަމައެކަނި އިދިކޮޅު މެންބަރަކީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްކަން ހާމަވެއްޖެއެވެ.
ރޭ ބޭއްވި މަޖިލިސް ޖަލްސާގައި ޝިޔާމްގެ އިތުރުން އެމްޑީޕީގެ ހަތަރު މެންބަރަކު ވެސް އެ ބިލު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވިއެވެ. ބިލު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވި ހަތަރު އެމްޑީޕީ މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާނާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
ބިލު ބަލައިގަތުމާއި ދެކޮޅަށް ޝިޔާމް ވޯޓު ދެއްވިއިރު އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް މަސައްކަތް ކުރުމުން އެކަމާއި ދެކޮޅަށް ވާހަކަ ދެއްކި އެއް މެންބަރަކީ ޝިޔާމްއެވެ. އަދި ގާނޫނުއަސާސީ އިސްލާހު ނުކޮށް އެކަން ނުކުރެވޭނެ ކަމަށް ޝިޔާމް ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ޝިޔާމް ވޯޓު ނުދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ.
މި ބިލާއި ގުޅިގެން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލުަފާތުވުންތައް އުފެދިފައެވެ.
މިކަމުގައި މަޖިލީހުން މީގެކުރިން ވަނީ ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފާވެސް ހޯދާފައެވެ. އެ ދެ ބޭފުޅުން ވެސް ލަފާ ދެއްވީ ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށެވެ.