Last Updated: November 27, 09:34
Wednesday, November 27, 2024
ޚަބަރު

ވިޕްލައިނާއި ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ: އާޒިމް

ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭގޮތުން ގާނޫނު އަސާސީއަށް އިސްލާހުނ ގެންނަ ބިލް މަޖްލިސް އަށް ބަލައިގަތުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފައިވަނިކޮށް އެ ވިޕްލައިނާއި ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް) ހުށަހެޅުއްވި ބިލް މަޖްލިސްއަށް ބަލައިގަތުމަށް އެމްޑީޕީން ނެރުނު ތްރީ ލައިން ވިޕާއި ޕާޓީއި ހިލާފަށް ޕާޓީގެ ހަތަރު މެމްބަރަކު ވަނީ ހިލާފުވެފައެވެ. ބިލް މަޖްލިސްއަށް ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާންގެ އިތުުރުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ.

ހަތަރު މެމްބަރަކު ޕާޓީ ވިޕްލައިންނާއި ހިލާފުވެފައިވަނިކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުވަނީ އެމްޑީޕީ އާއި ޕީޖީ ގްރޫޕަށް ފާޑުކިޔައި ޓްވީޓުކޮށްފައެވެ. މޫސަ ވިދާޅުވީ އެމްޑީޕީން ނެރޭ ވިޕްލައިނަކީ މެމްބަރުން ބޯލަބަން ޖެހޭ އެއްޗެއް ނޫންކަން މެމްބަރުން ދަނީ ހާމަ ކުރަމުން ކަމަށެވެ.

"މަންޒަރު ވަރައްސާފު އެމްޑީޕީގެ ވިޕްލައިން އެއީ ބޯލަބަންޖެހޭ އެއްޗެއްނޫން 19 ވަނަ މަޖްލީހުގަ ކިތަށްމެމްބަރުން ވިޕްލައިނާ ދެކޮޅުހަދައިފި.
އަޅުގަނޑަށް އައި ހުކުމެއް ނާދޭ މައްސަލަ ވެސް ނުބަލާ ލީޑަރުންނަށް ބިރަކަށް ވީމަ ޕާޓީން ބޭރުކޮށްލުން އެއީ ތިބޭފުޅުންގެއިންސާފަކީ" މޫސަ ވިދާޅުވިއެވެ.

މޫސަގެ ޓްވީޓަށް ރައްދު ދެއްވައި އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރ އަލީ އާޒިމް ވިދާޅުވީ މައްސަލަ ވެސް ބަލާނެ ކަމަށާއި ގަވާއިދުގައިވާ ގޮތަށް ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިއީ އެމްޑީޕީކަމަށް އާޒިމް ވިދާޅުވިއެވެ.

ރީކޯ މޫސާ ވަނީ އުއްތަމަ ފަނިޑޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓުލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާފައި ވަނިކޮށް، އެ ވިޕްލައިނާއި ހިލާފަށް ވޯޓު ދިނުމާއި ގުޅިގެން ފިޔަވަޅު އަޅައި ޕާޓީން ވަކިކޮށްފައެވެ. މޫސާ ޕާޓީން ވަކިކުރި އިރު އެ ވިޕްލައިނާއި ހިލާފުވި އަނެއް 5 މެމްބަރުންނަށް ޕާޓީން އެންގީ މާފަށް އެދުމަށެވެ.