Last Updated: November 24, 13:27
Sunday, November 24, 2024
ރިޕޯޓް

އޮއްތޮގެ މެސެޖު: އިރާދަކުރެއްވިއްޔާ އަދި އެކަނި ހިނގާނަން!

ހުޅުމާލޭގައި ހިނގި ސައިކަލް އެކްސިޑެޓެއްގައި ބޮލަށް ލިބުނު އަނިޔާތަކާއި ގުޅިގެން ނުކުޅެދޭ ހާލަތަކަށް ގޮސްފައިވާ އުމަރު ސަލީމް (އޮއްތޮ)ގެ އެކްސިޑެންޓަށް ދެއަހަރުވީއެވެ.

އެތައް ފޮނި އުއްމީދުތަކާއި އެކު ދިރިއުޅުމެއް ފަށައި، އަމިއްލަ ވިޔަފާރި ހިންގަމުން އައި އޮއްތޮ ބަލި އެނދަށް ތިރިކޮށްލީ ގަވާއިދާއި ހިލާފަށް ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެެރި އެކްސިޑެންޓުންނެވެ. މި އެކްސިޑެންޓަށް ފަހު 17 ދުވަހު ކޯމާގައި އޮތެވެ.

އޮއްތޮގެ އެކްސިޑެންޓަށް މިއަދު ދެ އަހަރުވުމާއި ގުޅިގެން އޭނާގެ އަންހެނުން ފާޠިމަތު ނައުފާ ވަނީ އޮއްތުގެ ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ވީޑިއޯ އާއި އެކު އޮއްތޮ ރަނގަޅުވުމަށް ކުރާ މަސައްކަތުގައި ރައްޓެހިންނާއި އާއިލާއިން ވެދެމުންދާ އެހީތަކަށް ނައުފާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އެކްސިޑެންޓަށްފަހު މިހާރު އޮއްތޮއަށް އަމިއްލައަށް ކޮޅަށް ތެދުވެވެއެވެ، އަދި އެހެން މީހެއްގެ އެހީގައި މަޑުމަޑުން ހިނގާލެވެއެވެ. ނަމަވެސް އޮއްްތޮގެ އުއްމީދަކީ އަމިއްލައަށް ތެދުވެ ހިނގާލުމަށެވެ. އަދި މިހާރު ކުރިއަށްވުރެ ވާހަކަ ދެއްކުންވެސް ރަނގަޅެވެ.

ނައުފާ މިއަދު އާއްމު ކުރި ވީޑިއޯގެ އެންމެ ފަހު ޖުމްލަ އަކަށް އޮއްތޮ ބުނީ "އިރާދަކުރެއްވިއްޔާ އަދި އެކަނި މަ ހިނގާނަން،" ކަމަށެވެ.

އޮއްތޮ އާއި އާއިލާއިން ކުރަމުން އަންނަ ބުރަ މަސައްކަތަށް އެތައް ބަޔަކު ތައުރީފު ކުރަމުން އަންނަ އިރު ނައުފާގެ ވީޑިއޯއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ހިތްވަރު ދެއްވާފައެވެ. ނަޝީދު ވަނީ އޮއްތޮއަށް ސާބަސްދީ އަދި ހިނގޭނެކަމަށް ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެެވެ.