Last Updated: November 23, 21:59
Sunday, November 24, 2024
ޚަބަރު

ކޮވިޑް-19 ސާމްޕަލްތަކެއް ވަގަށް ނަގައިގެން ރާމާ މަކުނު ތަކެއް ފިލައިފި

އިންޑިއާގައި ލެބް އެސިސްޓެންޓަށް ހަމަލާ ދިނުމަށްފަހު ކޯވިޑް-19ގެ ސާމްޕަލް ބެޗެއް ވަގަށް ނަގައިގެން ރާމާ މަކުނު ތަކެއް ފިލައިފިއެވެ. މި ހާދިސާ ހިނގީ ދިއްލީގެ މީރުޓް މެޑިކަލް ކޮލެޖު ކައިރިންނެވެ.

އެޤައުމުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ރާމާ މަކުނުތައް ވަނީ ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ތިން މީހެއްގެ ގައިން ނަގާފައިވާ ސާމްޕަލްތައް ވަގަށް ނަގައިގެން ގޮސް ފިލާފައެވެ. މީގެ ތެރެއިން އެއް ރާމާ މަކުނު ވަނީ ފަހުން ގަހެއްގެ މަތީގައި ހުރެ ސާމްޕަލް އަނގަޔަށް ލައިގެން ހުރިތަން ފެނިފައި ކަމަށް ދަ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައި އޮތެވެ.

އެނޫހުގައި އިތުރަށް ރިިޕޯޓުކޮށްފައިވާ ގޮތުގައި އެތިން މީހުންގެ ސާމްޕަލް ވަނީ އަލުން ނަގާފައެވެ.

ނަމަވެސް ފަހުން މީރުޓް މެޑިކަލް ކޮލެޖުގެ ސުޕްރިންޓެންޑެންޓު ދީރަޖު ރާޖު އޭއެފްޕީއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެތިން ސާމްޕަލް ވެސް ވަނީ ގެއްލުމެއް ނުލިބި އަލުން އަނބުރާ ހޯދިފައެވެ. " އެތަކެތި ހުރީ ވަކި ނުވެ، އެހެން ކަމުން އަހަރެމެން ޤަބޫލެއް ނުކުރަން އެއްވެސް ވަރަކަށް ސާމްޕަލްތައް ތަޣައްޔަރުވެ، ނުވަތަ ފެތުރުމުގެ ފުރުސަތެއް އޮތް ކަމަކަށް." އޭނާ ބުންޏެވެ.

އިންޑިއާގެ ލޮކްޑައުން އާއެކު، ކުރިން އާންމުން އެއްވެ އުޅުނު ތަންތަނުގައި މިހާރު ގިނަ އަދަދަކަށް އެއްވެފައި ތިބެނީ ރާމާ މަކުނު ތަކެވެ. ބައެއް ރާމާ މަކުނުތައް އިންސާނުންގެ ތެރޭގައި އުޅެން އާދަ ވެފައި ވުމާއެކު، އިންސާނުން ދޭ ކާނާ އަށް ބަރޯސާ ވެފައި ތިބޭ މަކުނުތަކަށް ލޮކްޑައުންގެ ސަބަބުން ކާނާ ހޯދުމަށް ދަތި ތަކެއް ކުރިމަތިވެއެވެ.

ނަމަވެސް، ކޯވިޑް-19 ފެތުރެމުން ދާއިރު، ވައިރަސް މިއުޓޭޓްވެގެން މަކުނު ތަކަށް ބަލި ޖެހި، އެތަކެތީގެ ތެރޭގައި ބަލި ފެތުރެން ފެށުމުގެ ފުރުސަތު އޮތުމުން، ކަމާ ބެހޭ ފަރާތްތަކުން ވަނީ މަކުނުތަކަށް ކާން ނުދިނުމަށް އަންގާފައެވެ.