ޖޯޖު ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގެ މިނިއޭޕޮލިސްގައި ކުރަމުން ގެންދާ މުޒާހަރާތަކުގައި ލައިވްކޮށް ރިޕޯޓު ކުރަން ހުރި ސީއެންއެންގެ ނޫސްވެރިޔަކު ހައްޔަރުކޮށްފިއެވެ.
ސީއެންއެންގެ ނޫސްވެރިޔާ އޮމަރު ޖިމެނެޒް ހައްޔަރު ކުރެވުނީ ހުކުރު ދުވަހުގެ ފަތިހު، މިނިއޭޕޮލިސްގެ މިނެސޯޓާގައި މުޒާހަރާއިން ލައިވްކޮށް ބްރޯޑްކާސްޓު ކުރަމުން ދަނިކޮށެވެ. ކަޅު ނަސްލަށް ނިސްބަތްވާ ޖިމެނެޒް އާއެކު ސީއެންއެންގެ އިތުރު ދެ ނޫސްވެރިން ވެސް 5:10 ހާއިރު މިނެސޯޓާ ސްޓޭޓް ޕެޓްރޯލް އޮފިސަރުން ހައްޔަރު ކުރިއެވެ.
ނަމަވެސް އޭގެ ގަޑިއެއް ހާއިރު ފަހުން ފުލުހުން ވަނީ އެމީހުން ދޫކޮށްލާފައެވެ.
މިކަމާއި ގުޅިގެން މިނެސޯޓާ ސްޓޭޓް ޕެޓްރޯލް އިން ޓްވިޓަރގައި ބުނެފައިވަނީ، "ލޭކް ސްޓްރީޓާއި ސްނެލިންގ އެވެނިއުގައި އަމަން އަމާންކަން ގާއިމު ކުރުމުގެ ގޮތުން ސީއެންއެން ކްރޫގެ ތިން މީހުން ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހަކު ސްޓޭޓް ޕެޓްރޯލް ޓްރޫޕަރުން ވަނީ ހައްޔަރު ކޮށްފަ. އެ ތިން މީހުންނަކީ މީޑިއާގެ މީހުންކަން ކަށަވަރު ކުރެވުމުން މިހާރު ވާނީ ދޫކޮށްލެވިފައި" ކަމަށެވެ.
ހައްޔަރު ކުރެވުމުގެ މިނެޓުތަކެއް ކުރިން ޖިމެނެޒް ވަނީ ފުލުހުން ކުރެން ދުރަށް ޖެހިގެން ތިބެން ވީ ކިހާ ހިސާބެއްގައިތޯ އަހާފައެވެ. އަދި ފުލުހުން ބޭނުންވި ގޮތަށް ދުރަށް ޖެހޭނެކަން ހާމަކޮށް، އެ ވަގުތު ތިބީ ލައިވްކޮށް ކަންވެސް ކިޔާދީފައެވެ.
އެއަށް ފަހު ޖިމެނެޒްވަނީ އޭނާއަށް ފެންނަމުން ދިޔަ މަންޒަރުތައް ބެލުންތެރިންނަށް ކިޔާދޭން ފަށާފައެވެ. ނަމަވެސް ފުލުހުން އޭނާ އަތުގައި ބިޑިއަޅުވައި، އޭނާ ހުރީ ހައްޔަރުކުރެވިފައިކަން އޭނާއަށް އެންގިއެވެ.
ނަމަވެސް ހަމަ އެ މުޒާހަރާ ކަވަރު ކުރަން ހުރި ދޮން ނަސްލުގެ ސީއެންއެން ރިޕޯޓަރަކު ވަނީ އޭނާއަށް ފުލުހުން އެއްވެސް ހުރަހެއް އަޅާފައި ނުވާކަން ހާމަކޮށްފައެވެ.