Last Updated: November 26, 17:50
Tuesday, November 26, 2024
ޚަބަރު

މާލެއަށް މިމަހު ކުރި ވިއްސާރާގައި 1.4 މިލިއަން ރުފިޔާގެ ގެއްލުމެއް

ވިއްސާރާގައި ރަސްފަންނަަށް ގެއްލުންތައް ވެފައި ---

މިމަހުގެ ކުރީ ކޮޅު މާލެއަށް ކުރި ވިއްސާރާގައި 1.4 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިގެން ގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ ކޮވިޑް19 ގެ ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދާދިފަހުން ކުރި ވިއްސާރައިގެ ސަބަބުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އިތުރަށް ބަލިމަޑުކަން ފެތުރުނު ނުދިނުމަށްޓަކައި ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ. ސިޓީ ކައުންސިލްގެ އިތުރުން އެ މަސައްކަތުގައި ސަރުކާރުގެ އެހެން އިދާރާތަކުންވެސް ބައިވެރިވި ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މާލެއަށް ކުރި ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދިޔައީ ރަސްފަންނު އަދި ސުނާމީ ބިނާ މައިޒާނަށެވެ. އޭގެއިތުރުން ވެސް އެކި ސަރަހައްދުތަކަށް އެކިވަރުގެ ގެއްލުން ލިބިގެން ދިޔައިރު ޝިފާ ވިދާޅުވާ ގޮތުގައި ލިބިގެން ދިޔަ އުމްރާނީ ގެއްލުންތަކުގެ އަގު 1.4 މިލިއަނަށް އަރާނެއެވެ.

މިމަހު ކުރީކޮޅު ރާއްޖެއަށް ކުރި ވިއްސާރައަކީ ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދުނު ކޮޅިގަނޑެއްގެ ނުސީދާ އަސަރުކޮށްގެން ރާއްޖެއަށް ކުރި ވިއްސާރައެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މީގެކުރިން ވަނީ ބުނެފައެވެ. އެ ވިއްސާރާގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ އެކި ރަށްތަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބުނެވެ.

މުޅިއަކުން އަދިވެސް ރާއްޖޭގެ މޫސުން ރަނގަޅެއް ނުވެއެވެ. އެގޮތުން އިއްޔެވެސް ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ވަނީ އޮރެންޖު އެލާޓު ނެރެފައެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް މިހާރުވެސް ވަނީ ވައިޓު އެލާޓު ނެރެފައެވެ.