Last Updated: November 26, 17:50
Tuesday, November 26, 2024
ޚަބަރު

ލުއި ލިބުނަސް މަސް ގަންނަން މާރުކޭޓަކަށް ނުދެވޭނެ

މާލޭގެ މަސް މާރުކޭޓުގައި މަސް ގަތުމަށް ބަޔަކު އެއްވެފައި: ފޮޓޯ / ޕީއެސްއެމް ނިއުސް

ކޮވިޑް19 ގެ ސަބަބުން އިއުލާންކޮށްފައިވާ ލޮކްޑައުންގެ ބައެއް ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް މާލޭގެ މަސް މާރުކޭޓަށް މަސް ގަތުމަށްޓަކައި މަސް މާރުކޭޓަށް ނުދެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ނިންމާ މާރުކޭޓުވެސް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އެތަނަށް ގޮސް އާއްމުންނަށް ވިޔަފާރި ކުރުމުގެ ފުރުސަތު އަދި ނޯންނާނެ ކަމަށް ޝިފާ ވިދާޅުވިއެވެ. އެހެންކަމުން ޝިފާ ވިދާޅުވީ މާރުކޭޓުގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ޑެލިވަރީގެ ހިދުމަތް ހޯދަން ޖެހޭނެ ކަމަށެވެ.

މަސް މާރުކޭޓަށް ގޮސް ވިޔަފާރި ކުރުމުގެ ހުއްދަ ނުދިނުމަށް ނިންމި ސަބަބު ހާމަކުރައްވާ ޝިފާ ވިދާޅުވީ މިވަގުތަކީ ލުއިތައް ދިން ނަމަވެސް އާއްމުން އެހާ ގިނައިން އެއްވުން ރަނގަޅު ދުވަސްވަރެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް [އާއްމުން އެހާ ގިނައިން އެއް ނުވުމަށް] އެޗްޕީއޭ އިން ވެސް އިލްތިމާސް ކުރާ ކަމަށާއި މާރުކޭޓު ސަރަހައްދަކީ މާލޭގައި އެންމެ ކާރުބާރު ބޮޑު އަދި އެންމެ ގިނަ މީހުންވެސް އެއްވާ ސަރަހައްދު ކަމަށް ޝިފާ ވިދާޅުވިއެވެ.

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުގެ ރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ. އޭގެއިތުރަށް އިތުރު 14 ދުވަހަށް ލޮކްޑައުން ކުރުމަށްވެސް ނިންމިއެވެ.

ލޮކްޑައުނަށް ދީފައިވާ ލުއިތައް:

– ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް އިތުރުކުރުން

– އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހުއްދަ ލިބިގެން ފަތިހު 5:00 އާއި 8:00 އާއި ދެމެދު ތިން ގަޑިއިރަށް ގެއިން ބޭރަށް ނިކުމެ އުޅުން

– މީހުން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ޓެކްސީތަކަށް ހުއްދަދިނުން އިތުރުކުރުން

– މާލެ އާއި ތިލަފުށްޓާއި ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމަށް ހުއްދަދިނުން އިތުރުކުރުން

– ހުއްދަ ލިބިގެން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިޔުމާއި، އެމީހުން ދިރިއުޅޭ ތަނަށް އެނބުރި އައުން

– އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން

– ކޮންސްޓްރަކްޝަން މަސައްކަތްތައް މާލޭ ކައުންސިލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިިިން އެ ފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިއަށް ގެންދިޔުން

– ބޭންކުތަކުން ދެވޭ ހިދުމަތްތައް އިތުރުކުރުން

– ސިއްހީ ހިދުމަތާއި އެހެނިގެން ހިދުމަތްތައް ދިނުން އިތުރުކުރުން