އެމެރިކާ ސިޓީތަކުގައި ހިނގަމުންދާ ހޫނު މުޒާހަރާތަކުގެ ސަބަބުން ކާފިއު ހިންގަން ނިންމައި ވަކި ވަގުތުތަކުގައި ބޭރަށް ނުނިކުމެވޭ ގޮތް ހަދައިފިއެވެ.
މިދިޔަ ހަފްތާގައި ޖޯޖް ފްލޮއިޑް ހައްޔަރުކުރުމުގެ ތެރޭގައި ފުލުހަކު އެތައް އިރެއް ވަންދެން ކަރަށް ފައިން އަރައި، ނޭވާލާން ދަތިކުރުމުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ. ޖޯޖް މަރުވުމުގެ ކުރިން އޭނާ ވަނީ 15 ފަހަރު، ނޭވާ ނުލެވޭ ކަމަށާއި ކަރުން ދޫކުރުމަށް އެދި އާދޭސްކޮށްފައެވެ.
ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރަން ފުލުހަކު މިހާ އަނިޔާވެރިކޮށް، ބާރުގެ ބޭނުންކުރުމުގެ ސަބަބުން އޭނާ މަރުވެފައިވާއިރު މިހާރު އެ ފުލުސް މީހާ ވަނީ ވަޒީފާއިން ވަކިކުރުމަށް ފަހު ހައްޔަރުވެސް ކޮށްފައެވެ.
އުމުރުން 46 އަހަރުގެ ޑެރެކް ޗައުވިން ވަނީ މިހާރު ހައްޔަރުކޮށް ޖޯޖް ފްލޮއިޑްގެ މަރުގެ ދައުވާ އުފުލައި މާދަމާ ކޯޓަށް ހާޒިރުވާން އަންގާފައެވެ.
އޭނާ ޖޯޖް ފްލޮއިޑްގެ ކަރަށް ފައިން އަރައި ފަސް ވަރަކަށް މިނެޓު ވަންދެން ބިންމަތީ ބާއްވާފައި އޮތް އިރު ފްލޮއިޑްގެ ހަރަކާތް ހުއްޓި އެމްބިއުލާންސް އައުމުން ވެސް ކަރުން ފައި ނުނަގާ ހުރިކަން އޮންލައިން ވީޑިއޯ ފުޓޭޖުން ހާމަވެގެން ގޮސްފައިވެއެވެ.
މިނިއެޕޮލިސްގައި ހިނގި މިހާދިސާގެ ސަބަބުން އެމެރިކާގައި ވަރަށް ގިނަ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން އަންނަ އިރު ހަމަނުޖެހުން ބޮޑުވެ ތަންތަނުގައި ރޯކޮށް އަންދާލާފައިވެއެވެ.