ފޯބްސް ގެ ބިލިއެނަރ ލިސްޓުން ކައިލީ ޖެނަރ ގެ ނަން އުނިކޮށްފިއެވެ.
އެމެރިކާގެ މަޝްހޫރު ވިޔަފާރި މެގަޒިން އިން ކައިލީގެ ނަން އުނިކޮށްފައިވަނީ އޭނާގެ އަސްލު މުއްސަނދި ކަމަށްވުރެ އެތައް ތަނެއް މަޝްހޫރުކަމަށް ދެއްކުމަށް އޭނާގެ އާއިލާއިން އެތައް މަސައްކަތެއް ކޮށްފައިވާކަން ހާމަ ވެފައިވާ ކަމަށް ބުނެއެވެ.
އެގޮތުން 2015 ވަނަ އަހަރު އޭނާ އުފެއްދި ކައިލީ ސްކިން އަދި ކައިލީ ކޮސްމެޓިކްސް އަކީ އޭނާ ބިލިއެނަރަކަށް ވުމުގެ ސިއްރު ކަމުގައި ބެލެވިފައިވާ އިރު، ފޯބްސް އިން ވަނީ އޭނާ އާންމު ކޮށްފައިވާ ވަރަށް އެ ކުންފުނީގެ ވިޔަފާރި ފުޅާ ނޫން ކަމުގައި ބުނެފައެވެ.
މިކަމާއި ގުޅިގެން އިތުރަށް ފޯބްސް އިން ހާމަ ކޮށްފައިވާ ގޮތުން، ފާއިތުވި އަހަރުގައި ކައިލީގެ ކުންފުނީގެ %51 ހިއްސާ ކޯޓީ އަށް 600 މިލިއަން ޑޮލަރަށް ވިއްކާފައިވާ ކަން އޭނާ ހާމަ ކުރިކަމަށެވެ. އަދި 2016 ވަނަ އަހަރު އޭނާ ގެ ޓެކްސް ރިޓަރން ތަކުން ދައްކާ ގޮތުން އެ ކުންފުނިން 300 މިލިއަން ޑޮލަރުގެ ސޭލްސް ހަދާފައިވާ ކަމަށާއި، އޭގެ ފަހު އަހަރު އޭނާގެ ޕަބްލިސިސްޓުން ބުނި ގޮތުގައި 330 މިލިއަން ޑޮލަރުގެ ސޭލްސް އެކުންފުނިން ހަދާފައިވާ ކަމަށެވެ.
ނަމަވެސް، ކޯޓީއިން ހާމަކޮށްފައިވާ މައުލޫމާތުގައި، އެ ކުންފުންޏަކީ ކައިލީއާއި އޭނާގެ އާއިލާއިން ފޯބްސް ހިމެނޭހެން މުޅި މީޑިއާ ހީކުރުވާފައިވާހާ ކާމިޔާބު ކުންފުންޏެއް ނޫން ކަމަށް ފޯބްސްގައި ހާމަ ކޮށްފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރު އެކުން ފުނިން ކޮށްފައި ވަނީ އެންމެ 125 މިލިއަން ޑޮލަރުގެ ސޭލްސް ކަން ކޯޓީގެ ޕްރެސެންޓޭޝަނުން އެނގެން އެބަ އޮތް ކަމަށް ފޯބްސްގައި ލިޔެފައިވެއެވެ.
އެހެން ކަމުން 2018 ވަނަ އަހަރު އެންމެ 125 މިލިއަން ޑޮލަރުގެ ސޭލްސް ހަދާފައިވާއިރު، 2016 ވަނަ އަހަރު 300 މިލިއަން ޑޮލަރުގެ ސޭލްސް ހެދުނީ ކިހިނެތްތޯ އެ މެގަޒިން އިން ވަނީ ސުވާލު އުފައްދާފައެވެ.
ކައިލީއަށް އެ މެގަޒިން އިން މިދިޔަ އަހަރު ލިބުނު ބިލިއެނަރ ކަމުގެ ލަގަބު އެކުން ފުނިން އަނބުރާ ނަގާފައިވާ އިރު، ކައިލީ ވަނީ ޓްވިޓާގައި މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން، އޭނާ އާއި ބެހޭގޮތުން އެ މެގަޒިން އިން ދައްކާ ވާހަކަ ތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ލަފާ ކުރުން ތަކެއް ކަމަށް ކައިލީ ވަނީ ބުނެފައެވެ.
މިކަން ކަމަކަށް ބިނާ ކޮށް، ފޯބްސް އިން ބުނާގޮތުން ކައިލީގެ "ނެޓް ވޯތު" އަކީ މިހާރު 900 މިލިއަން ޑޮލަރަށްވުރެ ކުޑަކޮށް ދަށް އަދަދެކެވެ.