އައްޑޫ ސިޓީ ކައުންސިލްގެ ހުއްދަ އަކާއި ނުލާ އެ ސިޓީގެ އެއްވެސް އަވަށެއްގައި ހުރި ހުސް ބިމެއްގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ނުކުރުމަށް އެކައުންސިލުން އަންގައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައްޑޫގެ އެކި އަވަށްތަކުގައި ހުރި ހުސް ބިންތަކުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ޢުމްރާނީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް އެކި ފަރާތްތަކުން ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކައުންސިލްގެ ހުއްދައަކާއި ނުލައި ހުސްބިންތަކުގައި އެފަދަ މަސައްކަތްކުރަމުން ގެންދިއުމަކީ މަނާ ކަމެއް ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ކައުންސިލްގެ ހުއްދައާއި ނުލައި އައްޑޫގެ އެކި އަވަށްތަކުގައި ހުރި ހުސްބިންތަކުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ނުކުރުމަށް ދަންނަވާ ކަމަށެވެ. އެފަދައިން މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުން ކޮށްފައިވާ މަސައްކަތަކަށް ލިބިދާނޭ ގެއްލުމަށް ކައުންސިލުން ޒިންމާނުވާނޭ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެފަދައިން މަސައްކަތްކުރަމުން ގެންދާނަމަ ލާމަރުކަޒީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށްވެސް އައްޑު ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.