Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

5 މިނިޓު ތެރޭ ކެންސަރަށް ސްކްރީން ކުރެވޭ އާ ޓެކްނޮލޮޖީއެއް އުފައްދައިފި

ސިޓި ޔުނިވަރސިޓީ އޮފް ހޮންގ ކޮންގ (ސިޓީޔޫ) އިން ކެންސަރަށް ސްކްރީން ކުރެވޭ އާ ޓެކްނޮލޮޖީއެއް އުފައްދައިފިއެވެ.

މި އާ ޓެކްނޮލޮޖީގެ ޒަރިއްޔާއިން %90 ގެ ޔަގީން ކަމާއެކު ކެންސަރު ސެލްތައް ކުރިއާލާ ދެނެގަނެވެއެވެ. އަދި ބަލީގެ ދަރަޖަވެސް ސިޓީޔޫގެ ބަޔޯ މެޑިކަލް ރީސަރޗް ޓީމުން އުފެއްދި މި ޓެކްނޮލޮޖީ އިން މޮނިޓަރ ކުރެވެއެވެ.

އެގޮތުން 4 މިލި ލިޓަރުގެ ލޭ ބޭނުންކޮށްގެން 5 މިނެޓު ތެރޭ ނަތީޖާ ލިބޭ މި ސްކްރީނިންގ ޓެކްނޮލޮޖީ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ އަވަސް ސްކްރީނިންގް ޓެކްނޮލޮޖީއެވެ. އަދި މީގެ ޒަރީއާ އިން މީހާއަށް ކެންސަރުގެ އަސަރު ކޮށްފައިވާ ވާރު ވީހާވެސް އަވަހަށް ދެނެގަނެވި، ކެންސަރަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ބޭހުގެ އަސަރުވެސް ދެނެގަނެވެއެވެ.

"ސެލް މެނިޕިއުލޭޝަން އަދި މައިކްރޯފްލުއިޑިކް ޗިޕް ޓެކްނޮލޮޖީއަށް ބިނާކޮށްގެން ހަދާފައިވާ ޓެސްޓް ޕްލެޓްފޯމް" އިން ލޭގައި ދައުރުވާ ޓިއުމަރުގެ ސެލްތައް ޔަގީން ކަމާއެކު ދެނެގަނެވެއެވެ. އަދި ސަރޖަރީ ކުރުމެއް ނެތި، ކެންސަރުގެ ކުރީބައިގައި ޓިއުމަރުތައް ދެނެގަނެވެއެވެ. އެގޮތުން 0.1 މިލި މީޓަރު ހާ ކުޑަ ޓިއުމަރުތައްވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެނެގަނެވެއެވެ. މިއީ މެޑިކަލް އިމޭޖިންގ އިން ދެނެގަނެވޭ ވަރަށް ވުރެ 6-3 މަސް އަވަހެވެ.

ކެންސަރު ދެނެގަތުމަށް މިހާރު ދުނިޔޭގައި ބޭނުން ކުރާ ޓިޝޫ ބަޔޮޕްސީ އަދި މެޑިކަލް އިމޭޖިންގ އަކީ މިއަށް ވުރެ ޔަގީން ކަން ދަށް ނަތީޖާ ނެރެވޭ ޓެކްނޮލޮޖީތަކެކެވެ. އަދި ލޭ ނަގައިގެން ޓިއުމަރުން އުފައްދާޕްރޮޓީން މާކަރުތައް ބެލުމަށް ހަދާ ޓެސްޓުތަކުގެ ސެންސިޓިވިޓީ އަދި ސްޕެސިފިސިޓީ އަކީ އެންމެ %50 އާއި %60 އާއި ދެމެދުގެ އަދަދެކެވެ.

މި އީޖާދަށް ޗައިނާގެ ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަންގެ އެކްރެޑިޓޭޝަން ލިބިފައިވާއިރު، ޔޫރަޕިއަން ޔޫނިއަނުން އިންވިޓްރޯ ޑައިގްނޯސްޓިކް އާލާތްތަކަށް އަރުވާ ސީއީ މާކިންގ ސެޓިފިކޭޝަންވެސް ވަނީ ލިބިފައެވެ.

ސިޓީޔޫ އިން ވަނީ މި ޓެކްނޮލޮޖީގެ ލައިސެންސް ސެލޮމިކްސް އިންޓަރނޭޝަނަލް ލިމިޓެޑަށް ދީފައެވެ. މިއީ މި ޓެކްނޮލޮޖީ އުފެއްދި ރިޗަރޗް ޓީމުން އުފައްދާފައިވާ ކުންފުންޏެކެވެ.