Last Updated: November 26, 16:25
Tuesday, November 26, 2024
ޚަބަރު

ކޮވިޑާ ގުޅުންހުރި ކަންކަމަށް 892 މިލިއަން ރުފިޔާ ހަރަދުކޮށްފި

ކޮވިޑް19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން -- ފޮޓޯ / ދި އެޑިޝަން

ކޮވިޑް19 އާއި ގުޅުން ހުރި ކަންތައްތަކަށް 892.3 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ކޮވިޑާ ގުޅުންހުރި ކަންކަމަށް ހަރަދު ކޮށްފައިވާ މިންވަރަކީ މީގެކުރީގެ ހަފްތާގައި ހަރަދުކުރި މިންވަރަށް ވުރެ 2.9 ޕަސެންޓު އިތުރު އަދަދެކެވެ. އެންމެ ބޮޑު އަދަދެއް ހަރަދުކޮށްފައިވަނީ އެންޑީއެމްއޭ އަދި އައިޖީއެމްއެޗަށެވެ.

އެންޑީއެމްއޭގެ ބޭނުމަށް 584.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އައިޖީއެމްއެޗަށް 141.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެންސްޕާ އިން ސަބްސިޑީ އަދި ގްރާންޓުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފޮރިން މިނިސްޓްރީން އެހީގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ޒަކާތު ފަންޑުން ވަނީ ތިން މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

ޕީޕީއީ އަދި ޓެސްޓު ކިޓު ފަދަ ތަކެތި ގަތުމަށް ހެލްތު މިނިސްޓްރީ އިން 74 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީތަކަށް 29 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.