Last Updated: November 26, 16:25
Tuesday, November 26, 2024
ޚަބަރު

ލާމަރުކަޒީ ނިޒާމު މެދުކެނޑުމެއްނެތި ދެމެހެއްޓުމަށް މެންބަރުން ކުރި މަސައްކަތަށް އޭޖީގެ ޝުކުރު

ބަންޑާރަ ނާއިބު ރިފްއަތު --- ފޮޓޯ / ސަން

ލާމަރުކަޒީ ނިޒާމު މެދުކެނޑުމެއްނެތި ދެމެހެއްޓުމަށް މެންބަރުން ކުރި މަސައްކަތަށް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ޝުކުރު އަދާ ކުރައްވައިފިއެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ރޭ ވަނީ ފާސްކޮށްފައެވެ. ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ.

އެކަމާއި ގުޅިގެން ބަންޑާރަ ނާއިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙު ގެނެސް، ލާމަރުކަޒީ ނިޒާމު މެދުކެނޑުމެއްނެތި ދެމެހެއްޓުމަށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ކޮށްދެއްވި އިހުލާސްތެރި މަސައްކަތްޕުޅަށް ނުހަނު ޝުކުރު ދަންނަވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލު ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެންނެވެ.

އެގޮތުން އެ އިންތިގާލީ މާއްދާގައި ބުނަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.

ކައުންސިލަރުންގެ ދައުރު ހަމަވާތީ ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުމުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލުފާތުވުންތައް އުފެދިފައެވެ.

އެއާއެކު މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ލަފަޔެއް ހޯދުމަށް ފާސްކޮށްފައެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މަޖިލީހަށް ދެއްވި ލަފާގައި ބުނެފައިވަނީ ގާނޫނުގެ މާއްދާއަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.

އަދި އެގޮތަށް ގެނެވޭ އިސްލާހު ގާނޫނުގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަކޮށް ބަޔާންކޮށްފައި އޮންނަން ވާނެ ކަމަށްވެސް އެ ލަފާގައި ބުނެފައިވެއެވެ.