(އޮގަސްޓް 9، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)
"އަހަރެން ނީލާ އާ އިނދެގެން މިގެއިން ކައިގެން ބޮއިގެން އުޅޭތީ ނީލާ ދޮންބެ ހިތްހަމަނުޖެހުނީ ބުނީ މިގެއިން ނިކުއްނާށޯ. ނީލާ އަހަރެންނާ އެކު އުޅެން ބޭނުމިއްޔާ ހިނގާ އަހަރެންގެ ޖިފްޓި ގަނޑަށް. މިހާ މޮޅު ނޫނަސް ހިތްހަމަޖެހޭނެކަން ގައިމު."
"ނާހަމަ ރަނގަޅަށް ދޮންބެ ތިހެން ބުނި…އެކަމަކު…"
"ދެން އަހަރެން ދޮގު ހަދަންވީ ކީއް ކުރަންތަ؟ ހަމަ ބުނި."
"އޯކޭ ތިހެން ދޮންބެ ބުނި ކަމަށްވާ ނަމަ މަ ވެސް މި ގެއަކު ނުހުންނާނަން ހިނގާ ދާން." ނީލާ އާއި ސަލީމް ދެ ފޮށި ހިފައިގެން ދަނިކޮށް ބޭރުން އައިސް ވަން ޔޫނުސް އާ ދިމާވި އެވެ.
"އަނހަ ތިޔޯ…ކޮންތާކަށް ނައްޓާލަނީ ދެ މީހުން؟"
"އަހަރެމެން އަބަދައްޓަކާ މިގެ ދޫކޮށް ދަނީ ބައްޕާ."
"ކީއްވެ؟ ކޮބާތަ މައްސަލައަކީ؟"
"މި ގެއަކު އަހަރެންގެ ފިރިމީހާގެ ގަދަރެއް ނެތް ބައްޕާ އެހެންވެ ދަނީ."
"ކާކުތަ ދަރިފުޅުގެ ފިިރިމީހާގެ ގަދަރު ވައްޓާލީ…ކީކޭތަ ތި ކިޔަނީ ސާފުކޮށް ބުނެބަލަ."
"ކޮންމެ އަންހެން ކުއްޖަކު ވެސް ކައިވެނީގެ ފަހުން ހުންނަން ޖެހެނީ ފިރިމީހާ ބަހައްޓާ ތަނެއްގަ. މިގޭގަ އުޅޭތީތާ ދޮންބެ ބޭނުން އެއްޗެއް ކިޔަނީ."
"ނީލާ ދެން އެ ވާހަކަ ނުދައްކާ." ވަގުތުން ސަލީމް ނީލާގެ އަތަށް ފިތާލާފައި ނީލާ ހުއްޓުވި އެވެ.
"ނުބުނަންވީ ކޮން ވާހަކައެއްތަ؟ ވެގެން މި އުޅެނީ ކީއްތަ؟ ނީލާ ހަމަ މިހާރު ބުނޭ ބައްޕަ ކައިރީ." ޔޫނުސް ހަރުކަށިކޮށް ބުނެލި އެވެ.
"ދޮންބެ ސަލީމް އަށް މިގެއިން ނިކުންނަން އަމުރު ކުރީ. ސަލީމް އަށް ނުހުރެވޭ ތަނެއްގަ ކިހިނެއް ހުންނާނީ؟"
"އުނައިސްްްްްްްްްްްްްްް…އުނައިސް…" އެވަގުތު ޔޫނުސް ގަދަ އަޑުން އުނައިސް އަށް ގޮވި އެވެ. އުނައިސް އާއި ވަހިދާ އެއްކޮޮށް އެ މީހުން ކައިރިއަށް އައެވެ. އެންމެން ތިބީ ހައިރާންވެފަ އެވެ. ވަހިދާ ބޮލުގެ އިޝާރާތުން ނީލާ ކައިރިން އަހާލިއެވެ ނީލާ އިސް ޖަހާލި އެވެ.
"އަނެއްކާ މާ އަޑުގަދަވަ ނީ ކިހިނެއްވީތޯ" ވަހީދާ ވެސް އައިސް ސުވާލުކޮށްލި އެވެ.
"މި ހުރިހާ ކަމަކީ ވަހީދާ މާބޮ ޑަށް އުނައިސް މަތިކޮށްގެން އުޅޭތީ ވާގޮތް."
"މިހާރު އަޅުގަނޑު ކީއްތޯ ކުރީ؟" ހައިރާންވެފައި އުނައިސް ވެސް ސުވާލު ކުރި އެވެ.
"ބަލަ އަދި އަހަރެން ދުނިޔޭގަ އެބަހުރީމޭ. އެއްވެސް ދަރިއަކަށް މި ގެއިން ނިކުއްނާނާށޭ އުނައިސް އަަކަށް ނުބުނެވޭނެ. މި ގެއަަށް ހުރިހާ ދަރިންނަށް އެއްވަރަކަށް ހައްގު އޮންނާނެ."
"އަދިވެސް ތިވެގެން އުޅޭ ގޮތެއް އަޅުގަނޑަކަށް ނޭނގެ ބައްޕާ." އުނައިސް ވަކިވަކިން އެންމެންނަށް ބަލާލި އެވެ. އަދި ނީލާ އާއި ސަލީމް ފޮށި ހިފައިގެން ތިބީމައި ހައިރާން ވިއެވެ.
"ކޮއްކޮ ތީކޮން ފޮއްޓެއް. ތަނަކަށް ދަނީތަ؟"
ނީލާ ހައިރާންވެފަ ސަލީމް އަށް ބަލާލި އެވެ.
"ބަލަ އުނައިސެއް ނޫންތަ ދެންމެ މި ގެއިން ދާށޭ ކިޔާފަ އަމުރު ކުރީ ސަލީމް އަށް."
"އަޅުގަނޑު…ސަލީމް ކައިރީީ…"
"އާނ ތީ ވަރަށް ތުއްތު ބޭބީއެއް ބުނެވޭ އެއްޗެއް ނުވެސް އެނގޭނެ."
"ނީލާ ދޮންބެޔާ ތިގޮތަށް ވާހަކަ ނުދައްކާ." ވަހީދާ ވަރަށް ރުޅި އައިސްފަ ނީލާ އަށް އަޑުލި އެވެ.
"ބައްޕާ އަސްލުވެ ސް އަޅުގަނޑު ނުބުނަން ތިގޮތަށް ސަލިމް އާ ދިމާލަށް. އަޅުގަނޑު ޙިޔާލަކަށް ވެސް ނާދޭ ތިފަދަ ކަމެއް. ދެންމެ އޮފީސްތެރޭ އަޅުގަނޑު ދެރަވެފަ އިންދާ ސަލީމް ވާހަކަ ދައްކަން ފެށީމަ އަޅުގަނޑު ބުނިން އެތަނުން ދާށޭ. މިގެން ދާށޭ ނުބުނަން."
"ކަލޭ މިހާރު މަށަށް ބިރުން ދޮ ގުހަދަނީ. ސަލީމް ކަލޭ ނުބުނާނަމަ އެހެން ބުނަންވި ކީއް ކުރަން؟"
"ބައްޕާ އަޅުގަނޑު ބައްޕައަށް ގަދަރުކުރަން. ބިރަކުން ނޫޅެން. އަނެއްކޮޅުން ދޮގު ހަދަން ޖެހޭ ވަރު ކަމެއް އަޅުގަނޑު ނުކުރަން."
"އަހަރެން ކަލެއަށް ހިތްހަމަނުޖެހިގެން ވާހަކަ ދެއްކީމަ އެ ރުޅި ތިބެލީ ސަލީމް އަށް. މިހެން ނޫންތަ މިކަންވީ؟"
"ބައްޕާ ތީ ކުށްހީހެއް. އަޅުގަނޑަކީ ކިޔަވައިގެން ހުރި މީހެއް. ބަޔަކު ޖަހާހާ ބެރަކަށް އަޅުގަނޑު ނުނަށާނަން."
"ތިއޭ މައްސަލައަކީ…ކަލޭ ހީކުރަނީ ބޭރު ގައުމަކުން ދެ އަކުރު ކިޔަވައިގެން އައިމާ މާ މޮޅުވިޔޭ. މީހުން ކަލެއަށް ސްޕޮންސާ އެ ދެނީ އަހަރެންގެ ދަރިިޔަށް ވާތީ. އެ މީހުންނަށް އެނގޭނެ މަޅިޔެއް އަަރައިގެން ދާއިރަށް ބައްޕަގެ އަގުނު ކުރެވޭ ތިޖޫރި ކަލެއަށް ދޭނެކަން. ނިކަން ތިޔަ ނަން އެކަނި ބޭނުން ކޮށްބަލަ ތަފާތު ފެންނާނެ." ޔޫނުސް ބުންޏެވެ.
(ނުނިމޭ)